ޑރ.އަފްރާޝީމް ޢަލީ އަކީ ދިވެހިރާއްޖެ ދުށް، ވަކިން ޚާއްޞަކޮށް ރ.އަތޮޅު ދުށް އަގުހުރި ޢިލްމީ ދަރިއެއްކަމަށް ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ 2 އޮކްޓޯބަރ 2012 ވީ އަންގާރަދުވަހުގެރޭ އަވަހާރަކޮށްލެވުމާގުޅިގެން އެމަރުޙޫމްގެ ޒިކުރާ އާކުރުމުގެ ގޮތުން ވަކިޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެެ ފަރާތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދުވާފަރު ދާއިރާގެ މެންބަރު ވިދާޅުވީ ޑރ.އަފްރާޝީމް ޢަލީ އަކީ ދީނީ ޢިލްމަށް އަރައިހުންނެވި ބޭފުޅެއްކަމަށާއި ކަންތައްތައް އޮޅުން ފިލުއްވައިދެއްވުމުގައި އާދަޔާ ޚިލާފު މުދައްރިސެއް ކަމަށެވެ.
“އަފްރާޝީމު ޢަލީ އަކީ ވަރަށް ވަފާތެރި، ކަންތައްތަކަށް ފަރުވާތެރި ޚިދުމަތްތެރި އެއް،” ދުވާފަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ. “ވަރަށް ސާދާ މިޒާޖެއްގެ ވެރި އެއް.”
ޑރ.އަފްރާޝީމް ޢަލީ އަކީ މަޝްވަރާކުރެއްވުމާއި ޚިޔާލު އައްސަވާ ބޭފުޅެއްކަމަށާއި މީހުންނަށް އިހުތިރާމުކުރައްވާ ބޭފުޅެއްކަމަށް ދުވާފަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
“އެ މަނިކުފާނަށް ބަޔަކު ހަމަލާދީ އަވަހާރަކޮށްލި ޚަބަރު ލިބުމުން އަޅުގަނޑު ހިތަށް ކުރި އަސަރާއި ލޮލުން އޮހޮރުނު ކަރުނައާ އަދިވެސް ކުރަމުން މިދާ ހިތާމައިގެ ވާހަކަ ދުލަކުން އަދި ގަލަމަކުން ބަޔާނެއް ނުކުރެވޭނެ،” ދުވާފަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ދުވާފަރު ދާއިރާގެ މެންބަރުގެ ވާހަކަ ނިންމަވާލެއްވީ ޑރ.އަފްރާޝީމް ޢަލީގެ ޢާއިލާ އަށް ދުވާފަރު ރައްޔިތުންގެ ތަޢުޒިޔާ އަރިސްކުރައްވާފައެވެ.
17 ޛުލްޤައިދާ 1433
03 އޮކްޓޯބަރ 2012