އޮހޮރިގެންދިޔަ ލޭގެ އަގު ހޯދުމުގެ ގޮތުން މަޖިލީހުގެ ބާކީ އޮތް ދުވަސްތަކުގައި ޤާނޫނުތަކާއި ގަވާއިދުތައް ފާސްކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެ

ޑރ.އަފްރާޝީމް ޢަލީގެ ހަށިކޮޅުން އޮހޮރިގެންދިޔަ ލޭގެ އަގު ހޯދުމުގެ ގޮތުން މަޖިލީހުގެ ބާކީ އޮތް ދުވަސްތައް ޤާނޫނުތަކާއި ގަވާއިދުތައް ފާސްކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީ 2 އޮކްޓޯބަރ 2012 ވީ އަންގާރަދުވަހުގެރޭ އަވަހާރަކޮށްލެވުމާގުޅިގެން އެމަރުޙޫމްގެ ޒިކުރާ އާކުރުމުގެ ގޮތުން ޕީޕަލްސް އެލަޔަންސް ޕާޓީގެ ފަރާތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވީ މި ހާދިސާ އިން ލިބިގަންނަންވީ ޢިބުރަތަކީ ދެން މިކަހަލަ ކަމެއް ތަކުރާރުނުވުމަށް ޓަކައި ކޮށްދެވޭނެ ކަމަކީ ކޮބައިތޯ ބެލުންކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހައިސިއްޔަތުން މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި ތޫނު ހަތިޔާރު މަނާކުރުމާ ބެހޭ ޤާނޫނާއި ގޭންގުތައް މަނާކުރުމުގެ ޤާނޫނު މަޖިލީހުން ފާސްކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

“އެކަމުގެ ސަބަބުން މި ކަންކަމަށް ހައްލެއް އަންނާނެ ކަމަށް އަޅުގަނޑުމެން ޔަޤީންކުރީމު،” ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ. “އެހެންނަމަވެސް އެކަމުގެ ސަބަބުން މި ކަމަކަށް ހައްލެއް ނައި. ދުވަހުން ދުވަހަށް މި ކަންތައްތައް މި ދަނީ އިތުރުވަމުން. އަދި އަނިޔާވެރިކަން މި ދަނީ އިތުރުވަމުން. ޑރ. އަފްރާޝީމް ފަދަ އެއްވެސް ކުށެއް ނެތް، އަދި ދީނީ ކަންތައްތަކައިގެން އުޅުއްވި ބޭފުޅަކަށް މިފަދަ އަނިޔާވެރި ހަމަލާ އެއް ދެވިގެން ދިޔުމަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ މުޖުމަޢުގައި މިހާރު އެއްވެސް ހަމައެއް ލަމައެއް ނެތްކަން އަޅުގަނޑުމެންނަށް އެނގިގެންދާ ކަމެއް.”

ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކަށް މިކަން ހައްލުނުކުރެވިގެން އުޅޭ ސަބަބު ބައްލަވާނެކަމަށެވެ.

“އަދި އަޅުގަނޑުމެން އެ ފަރާތްތަކަށް ލިބިދޭންވާ ވަސީލަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކަށް ބަޖެޓުގެ ޒަރީޢާ އިން އެ ވަސީލަތްތައް ލިބޭނެ ގޮތްތައް އަޅުގަނޑުމެން ފަހިކޮށްދޭނަމޭ،” ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ. “އަޅުގަނޑު މިއަދު މި ވާހަކަ ދައްކާއިރު ވެސް އެ ގާތިލު ނުވަތަ އެ ގާތިލުން މިނިވަންކަންމަތީ އެބަތިބިކަން އަޅުގަނޑުމެންނަށް އެނގޭ އެނގުމަކީ އަޅުގަނޑުމެން އެންމެން ކަންބޮޑުވާ ކަމެއް.”

17 ޛުލްޤައިދާ 1433

03 އޮކްޓޯބަރ 2012