ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް ޢަލީއަށް ވަރަށް ރަހުމްކުޑަކޮށް ޙަމަލާދީ އަވަހާރަކޮށްލުން ސިފަކުރައްވަނީ ރައްޔިތުންގެ މަޖިލީހަށް ދެވުނު ޙަމަލާއެއްގެ ގޮތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު އެހަމަލާ ސިފަކުރައްވަނީ މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް ދެވުނު ޙަމަލާއެއްގެ ގޮތުގައިކަމަށެވެ. އަދި އެއީ ޑިމޮކްރަސީ އަށް ދެވުނު ޙަމަލާއެއްކަމަށާއި އެ ފިނޑި ޢަމަލު މަޖިލީހުގެ ނަމުގައި އަދި ހުރިހާ ޢިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައި ކުށްވެރި ކުރައްވާކަމަށެވެ.
އެފަދަ ޢަމަލުތަކުން މަޖިލީހުގެ މެންބަރުންގެ އަޒުމަށް އަދި ކުރައްވަމުންގެންދަވާ މަސައްކަތަށް ބަދަލެއް އައިސްގެން ނުވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
“މި ހިތާމަވެރި ދަނޑިވަޅުގައި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑރ.އަފްރާޝީމް ޢަލީގެ ލޮބުވެތި އަނބިކަނބަލުން ޤުރައިޝާ މުޙައްމަދާއި، ތިން ބޭފުޅުންކަމުގައިވާ ޢައްޔޫބް އަފްރާޝީމާއި، ރުމައިޝާ އަފްރާޝީމާއި، ޢައްޔާޝް އަފްރާޝީމާއި އަދި ލޮބުވެތި ބައްޕަ ޢަލީ ޒާފިރު އަދި މަންމަ ސިއްތި އަޙުމަދާއި، ޢާއިލާގެ ހުރިހާ ބޭފުޅުންނާއި، އެކުވެރިންނާއި، ރައްޓެހިންނާއި، ރަޙުމަތްތެރިންނާއި، އެމަނިކުފާނަށް ހެޔޮއެދޭ ހުރިހާ އެންމެންނަށް ވަރަށް އިޚުލާޞްތެރިކަމާއިއެކު ތަޢުޒިޔާ ދަންނަވަން،” މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ އިޚުލާޞްތެރި ދުޢާއަކީ އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ބޭފުޅުންނާއި، ޢާއިލާގެ އެހެނިހެން މެންބަރުންނަށް ﷲ ސުބުޙާނަހޫ ވަޠައާލާ ކެތްތެރިކަން ދެއްވައި ޘަވާބު އިތުރުކުރެއްވުން.”
ޑރ.އަފްރާޝީމް ޢަލީ ކޮށްދެއްވާފައިވާ ހިދުމަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެމަރުޙޫމްއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ގިނަ ކޮމިޓީތަކެއްގައި މިދިޔަ ދުވަސްތަކުގެ ތެރޭގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އެގޮތުން ޕެޓިޝަން ކޮމިޓީގައި، އިމްތިޔާޒް ކޮމިޓީގައި، ސުލޫކު ކޮމިޓީގައި، ޤައުމީ ސަލާމަތުގެ ކޮމިޓީގައި، އިޖުތިމާޢީ ކޮމިޓީގައި އަދި ގަވާއިދު ކޮމިޓީގައި އެމަނިކުފާނު ތަފާތު ފަހަރުމަތިން ޚިދުމަތްކުރައްވަމުން ގެންދަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު މަޖިލީހުގެ ވަގުތީ 4 ކޮމިޓީއެއްގައި ވެސް މަސައްކަތްކުރައްވާފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިގޮތުން ޣައިރު ދީންތަކުގެ އަޅުކަންކުރާ ތަންތަން ދިވެހިރާއްޖޭގައި ޤާއިމުކުރުން މަނާކުރުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މުޤައްރިރުކަމާއި ޤާނޫނުލްޢުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މެންބަރުުކަމާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މެންބަރުކަމާއި ތަރުޖަމާކުރުމުގެ ހަމަތައް ބަޔާންކުރުން ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވެއެވެ. އަދި މީގެއިތުރުންވެސް ޕެޓިޝަން ކޮމިޓީގެ މުޤައްރިރުކަން ކުރައްވާފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މަޖިލީހުން ޢައްޔަންކުރި މެންބަރެއްގެ ގޮތުން 20 ޖުލައި 2009 އިން 13 ޖޫން 2012 ގެ ނިޔަލަށް ޑރ.އަފްރާޝީމް ޢަލީ މަސައްކަތްޕުޅު ކުރައްވާފައިވެއެވެ.
“އަޅުގަނޑުމެންނަށް ގެއްލިގެން އެދިޔައީ ޢިލްމީ ބޭފުޅެއް، އެކުވެރިއެއް، އަޅުގަނޑުމެން އެންމެންނާއި ރައްޓެހިކަން ބާއްވަވާ ގާތްކަން ބާއްވަވާ އެކުވެރިއެއް،” އެމަނިކުފާނު ވިދާޅުވިއެވެ. “ރާއްޖެ އަށް ގެއްލިގެން އެދިޔައީ އުސްތާޛެއް. އެމަނިކުފާނުގެ ޢިލްމީ ދަންމަރުން އެތައް ބަޔަކަށް އެކަމުގެ ފައިދާކުރަމުންދިޔަ ބޭފުޅެއް. ޑރ.އަފްރާޝީމް ޢަލީ، އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މިއަދު އަޅުގަނޑުމެންނާއިއެކު މި މަޖިލީހުގެ ޖަލްސާގައި ވަޑައިގެން ނެތްނަމަވެސް އަޅުގަނޑުމެންގެ ހިތްތަކުގައި އެމަނިކުފާނުގެ ޛިކުރާ އަބަދަށްމެ ދެމިގެންވާނެ.”
17 ޛުލްޤައިދާ 1433
03 އޮކްޓޯބަރ 2012