އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލެއްވުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޭޑީކޭ ހޮސްޕިޓަލްގައި ހުންނަވައި ދެއްވި އިންޓަރވިއު

بسم الله الرحمن الرحيم

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމް ޢަލީއަށް މިރޭ ވަރަށް އިހާނެތިގޮތަކަށް، އަނިޔާވެރިގޮތަކަށް ހަމަލާދީ އެމަނިކުފާނު އަޅުގަނޑުމެންނާ އަލްވަދާޢު ވިދާޅުވެއްޖެ. އެމަނިކުފާނުވަނީ އަވަހާރަކޮށްލާފަ. މިއީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ދެވިފައިވާ ހަމަލާއެއް. ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު ހަމަލާއެއް. މިހަމަލާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި އަޅުގަނޑު ކުށްވެރިކުރަން.

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި މަރްޙޫމް އަފްރާޝީމްގެ ލޮބުވެތި އަނބިކަނބަލުންނާއި އާއިލާގެ ބޭފުޅުންނަށް ވަރަށް އިޙްލާސްތެރި ކަމާއެކު ތަޢުޒިޔާ ދަންނަވަން . އަދި ހަމަ މިފުރުޞަތުގައި މަޖިލީހުގެ މެންބަރުންނަށްވެސް އަޅުގަނޑުގެ އިޚްލާސްތެރި ތަޢުޒިޔާ ދަންނަވަން.

މިއީ އަޅުގަނޑުމެން އެއްވެސް ދިވެހިރައްޔިތަކަށް ޤަބޫލުކުރެވޭނެ ކަމެއް ނޫން. މިފަދަ ހަމަލާއަކީ މަޖިލީހުގެ މެންބަރަކަށް ދިންނަމަވެސް، ޢާންމު ފަރުދަކަށް ދިންނަމަވެސް އެކަމެއް އަޅުގަނޑުމެން ކުށްވެރިކުރާނެކަމެއް. ކުށްވެރިކުރާކަމެއް.

މިފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުން، ޑރ. އަފްރާޝީމް ޢަލީ އަކީ މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ވަރަށް އިޚްލާސްތެރިކަމާއެކު ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި ވަރަށް ތެދުވެރި ހީވާގި ބޭފުޅެއް. އެމަނިކުފާނުގެ ބައިވެރިވެވަޑައިގަތުން މަޖިލީހުގެ މަސައްކަތްތަކުގައި އިންތިހާއަށް ލިބެމުން ދިޔަ. އަޅުގަނޑުމެންނަށް އެ ގެއްލިގެން ދިޔައީ އަގުހުރި ދިވެހި ޢިލްމީ ދަރިއެއް. އެމަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި އަޅުގަނޑު  ދުޢާކުރަން.

މިހިތާމައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާދަމާ ބާއްވަން އޮތް ޖަލްސާ، (2 އޮކްޓޯބަރ 2012) އަޅުގަނޑު  މާދަމާ ނޫން އަނެއް ދުވަހަށް ( 3 އޮކްޓޯބަރ 2012 ) ލަސްކޮށްފިން. އަދި ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ދެންމެ، މިހިތާމައިގައި ދައުލަތުގެ ޤައުމީ ދިދަ 3 ދުވަސްވަންދެން ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައި، އެވާހަކަ އަޅުގަނޑަށް އެންގެވި. މިހިތާމަ އަޅުގަނޑުމެން ފާހަގަކުރަނީ ޤައުމީ ހިތާމައެއްގެ ގޮތުގައި. އަދި މިފުރުޞަތުގައި މަރްޙޫމް އަފްރާޝީމް ޢަލީ އެދާއިރާއަކުން ހޮވިވަޑައިގެންފައިވާ އުނގޫފާރު ދާއިރާގެ އެންމެހާ ރައްޔިތުންނަށްވެސް އަޅުގަނޑުގެ އިޙްލާސްތެރި ތަޢުޒިޔާ ދަންނަވަން. އަޅުގަނޑު އެދެނީ މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި މަޖިލީހުގެ ހުރިހާ މެންބަރުން އެކަތިގަނޑަކަށްވެ މިވަގުތުން ވަގުތަށްވެސް ޤާނޫނީގޮތުން އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކުވެރިވުމަށް، އެކަތިގަނޑަކަށް ވުމަށް. އަދި މިއަނިޔާވެރި ޢަމަލުގެ ފަހަތުގައިވާ ބަޔަކު، އަޅުގަނޑުމެންގެ ރާއްޖޭގެ ތަހުގީގީ އިދާރާތަކުން އަވަހަށް ތަހުގީގުކުރައްވައި ހޯއްދަވައިދެއްވުން. މިފަދަ ކަމެއް އަލުން ތަކުރާރު ނުވާނެ ގޮތަކަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުން.

والسلام عليكم ورحمة الله وبركاته