މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ފައިނޭންސް ލީސިންގ ކުންފުނިތަކާއި ފައިނޭންސް ލީސިންގ މުޢާމަލާތްތަކާބެހޭ ގަވާއިދު ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނުމާބެހޭގޮތުން، ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައި ބަހުސް ކުރައްވައިފިއެވެ.
މިރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ގަވާއިދު ކޮމިޓީގެ މުޤައްރިރު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު އެވެ. މިއަދުގެ ޖަލްސާގައި ޖުމްލަ 5 މެންބަރުން މި ރިޕޯޓަށް ވާހަކަ ދައްކަވާފައިވެއެވެ.
މިރިޕޯޓުގެ ބަހުސަށްފަހު ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓުގެ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ. މިރިޕޯޓަށް ބަހުސްކުރެއްވީ ޖުމްލަ 4 މެންބަރުންނެވެ.
މީގެއިތުރުން ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) އަށް އިޞްލާޙް ގެނައުމުގެ ބިލުގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާތަޔްކުރެއްވުމަށް ރިޕޯޓް ޙުށަހަޅުއްވައި ވާހަކަ ދައްކަވާފައިވެއެވެ. އިޤްތިޞާދީ ކޮމިޓީގެ ފަރާތުން މި ރިޕޯޓް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ. ވަގުތު ހަމަވެގެން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު މިރިޕޯޓަށް ވާހަކަ ދައްކަވާފައިވަނީ 3 މެންބަރުންނެވެ. އިތުރު މެންބަރަކު ވާހަކަދެއްކެވުމަށް އެދިވަޑައިގެންފައި ނުވުމާއެކު މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިބިލުގެ 3 ވަނަ ކިޔުން ވަނީ އިއްވާފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 2 އޮކްޓޯބަރ 2012 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާގޭގަ އެވެ.
15 ޛުލްޤަޢިދާ 1433
01 އޮކްޓޯބަރ 2012