ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ބިލު އަނބުރާ ގެންދަވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ބިލު، އަނބުރާ ގެންދަވައިފިއެވެ.

މިބިލު އަނބުރާ ގެންދަވާފައިވަނީ ފަހުބަސް ވިދާޅުވުމަށް ލިބިވަޑައިގެންނެވި ފުރުޞަތުގައެވެ. މިބިލަށް މިއަދު ޖުމްލަ 5 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، “އޮޑިޓަރ ޖެނެރަލް ޢާންމު ކުރައްވާފައިވާ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މާލިއްޔަތު ޤާނޫނާއި ގަވާއިދާ ޚިލާފަށް ފޮރިން މިނިސްޓްރީން ގިނަ ޚަރަދުތަކެއްކޮށްފައިވަނީ ވަކި ބަޔަކަށް ފައިދާއާއި މަންފާ ހޯދައިދިނުމަށްކަމަށް ފާހަގަކޮށްފައިވާހިނދު، މިކަމަކީ ގަސްދުގައި ފޮރިން މިނިސްޓްރީގެ އިސް މުވައްޒަފުން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތަކެއްކަމަށްވުމާއެކު، މި ޚިޔާނާތުގެ މުގުލުގައި ހުންނެވީ ކުރީގެ ފޮރިން މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޝަހީދުކަމަށްވާތީ، އަދި މިހާރު އޭނާހުރީ ޔޫ.އެން އިން ދިވެހިރާއްޖެއަށް ލިބިފައިވާ ފުރުޞަތެއްގައި ލިބުނު މަޤާމެއްގައިކަމަށްވާތީ މިހާރު އޭނާ ޔޫ.އެންގައި ހުރި މަޤާމުން ދުރުކުރުމަށާއި މިމައްސަލަތައް ބަލައި ތަޙްޤީޤުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރު” ގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެޤަރާރުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، “ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮމިޓީ އެލަވަންސް ކަނޑާލުމަށް ގޮވާލާ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރު” ގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ޤަރާރުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ޤަރާރު؛ “ދިވެހި ރައްޔިތުންނަށް ދޭންފަށާފައިވާ ހެލްތް އިންޝުއެރެންސް “އާސަންދަ” ކުރިޔަށް ގެންދެވޭނެކަމާމެދު ސުވާލު އުފެދި ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ފަޅުހެދުމާއި ބޯހިޔާވަހިކަމާއި މަގުހެދުމުގެ މަޝްރޫޢޫތައް ކުރިޔަށް ގެންދެވޭނެ މަގެއް ނެތުމާއެކު ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ކުރާހޭދަ ހުއްޓާލުން” ގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވާފައިވެއެވެ.

މެންދުރުފަހުގެ ހުސްވަގުތުކޮޅަށް ޖަލްސާ މެދުކަނޑާލެއްވިއިރު ބަހުސް ކުރައްވަމުން ގެންދެވީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްއެވެ.

15 ޛުލްޤައިދާ 1433

01 އޮކްޓޯބަރ 2012