ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ ނ. ހޮޅުދޫ އަލްފާޟިލް މޭނާ ކަލޭފާނު ދޮންމަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވާތީ އެމަރުޙޫމާގެ މައްޗަށް ހެޔޮދުޢާ ކުރުމުގެ ވަގުތުކޮޅެއް ގެންނަވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ ނ. ހޮޅުދޫ އަލްފާޟިލް މޭނާ ކަލޭފާނު ދޮންމަނިކު، (މުޙައްމަދު އިބްރާހީމް) 31 އޯގަސްޓު 2012 ވީ ހުކުރުދުވަހު މި ދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވާތީ އެމަރުޙޫމުގެ މައްޗަށް ހެޔޮ ދުޢާކުރުމުގެ ވަގުތުކޮޅެއް ގެންނަވައިފިއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވަނީ އެމަޙޫމުގެ އާއިލާއަށް ލިބިވަޑައިގެންނެވި މި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން އާއިލާއަށް އިޚްލާސްތެރިކަމާ އެކު ތަޢުޒިޔާ ދަންނަވާފައެވެ.

އަލްމަރުޙޫމު މޭނާކަލޭފާނު ދޮންމަނިކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވަން ފެއްޓެވީ 1955 ވަނަ އަހަރު ނ.އަތޮޅު މެންބަރެއްގެ ގޮތުގައެވެ. އަދި 9 ސެޕްޓެމްބަރު 1957 ން ފެށިގެން 5 އެޕްރީލް 1961ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ކުރައްވާފައިވެއެވެ. މީގެއިތުރުން 8 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނ.އަތޮޅުގެ މެންބަރުކަން އަލްމަރުޙޫމު މޭނާކަލޭފާނު ދޮންމަނިކު ކުރައްވާފައިވެއެވެ.

އަލްމަރުޙޫމު މޭނާކަލޭފަނު ދޮންމަނިކަކީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ މުޙައްމަދުގެ ބައްޕާފުޅެވެ.

15 ޛުލްޤައިދާ 1433

01 އޮކްޓޯބަރ 2012