މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަހަރުގެ 19 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހުތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލެއްވި ޢާންމު ކޮމިޓީގެ ސަބް ކޮމިޓީގެ ރިޕޯޓް އާންމު ކޮމިޓީއަށް ހުށަހަޅުއްވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި، ސަބް-ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ރިޕޯޓުގައި ހިމެނިފައިވާ 4 އިޞްލާޙަކަށް ވަކިވަކިން ބަހުސްކުރެއްވުމަށްފަހު، ކޮންމެ އިޞްލާޙެއްވެސް ވަކިވަކިން ނިންމެވުމަށް ކޮމިޓީން ނިންމެވިއެވެ. މިގޮތުން “ސަރުކާރު ނިސްބަތްވާ ޕާޓީ” މާނަކުރުމަށް މަޖިލީހުގެ ގަވައިދުގެ 217 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ އަޢުލަބިއްޔަތުން އެ އިޞްލާޙު ފާސްކުރެއްވިއެވެ.
މިއަދުގެ ކޮމިޓީއަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެގެން ނިންމަވާލެއްވިއިރު ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 213 ވަނަ މާއްދާއަށް ހުށަހަޅުއްވާއިވާ އިޞްލާހަށް ބަހުސްކުރެއްވުމެވެ.
މިކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް އަދި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެވެ. ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ހުންނެވީ ސަލާމުގައެވެ.