ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ދިރާސާކުރެއްވުމަށް އާންމު ކޮމިޓީން އެކުލަވާލި ސަބް-ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. ތިން މެންބަރުން ހިމެނޭ މި ސަބް-ކޮމިޓީގެ ބައްދަލުވުން ބާއްވަވާފައިވަނީ 11:00 ފެށިގެން 14:50 އަށެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މުސާރައިގެ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ހޮއްދެވުމަށް ކޮމިޓީ މެންބަރުން ވަނީ އިދާރާގެ ހިއުމަން ރިސޯސަސް ޕެނަލް އާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވެއެވެ އަދި އިސް މަޤާމުގެ ބޭފުޅުންގެ މުސާރައާއި އިނާޔަތްތަކާއި، ސަޕޯޓް ސްޓާފްގެ މުސާރައާއި އިނާޔަތްތަކުގެ ތަފާތު ބޮޑުކަމަށް ބުނެ އިދާރާއިން ހުށަހަޅާފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން، މަޤާމްތަކުގެ މެދުގައި އޮންނަ މުސާރައިގެ ފަރަޤު ކުޑަ ކުރުމަށް އެޅިދާނޭ ފިޔަވަޅުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި މައްސަލައިގައި މުވައްޒަފުންގެ ހިޔާލު ހޯއްދެވުމުގެ ގޮތުން، މަޖިލީހުގެ ކޮމިޓީތަކުގެ އިދާރީ ކަންތައްތައް ބަލަހައްޓާ ސެކްޝަންގެ އިސް މުވައްޒަފުންނާއިވެސް ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ. އަދި މި މަޝްވަރާތަކަށް ފަހު ހުށަހެޅިފައިވާ ހިޔާލުތަކުގެ މައްޗައް ބިނާ ކުރައްވާ، އިތުރު ދިރާސާތައް ކުރެއްވުމަށް ސަބް-ކޮމިޓީން ނިންމެވިއެވެ.
ސަބް ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައިވަނީ ސަބް-ކޮމިޓީގެ މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަޙީމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދުއެވެ.