ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2013 ވަނަ އަހަރަށް އަންދާޒާ ކުރެވޭ ބަޖެޓް ދިރާސާ ކުރެއްވުމުގެ މަސައްކަތް އާންމު ކޮމިޓީގެ ސަބް-ކޮމިޓީއިން ކުރިއަށްގެންދަވައިފި

މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ ސަބް-ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2013 ވަނަ އަހަރަށް އަންދާޒާކުރެވޭ ބަޖެޓް ދިރާސާ ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ.

އެގޮތުން އިދާރާއިން ތައްޔާރުކޮށްފައިވާ ދެލިކޮޕީ ބައްލަވާ، އިތުރު މަޢުލޫމާތު ސާފުކުރެއްވުމުގެ ގޮތުން މަޖިލީހުގެ އިދާރާގެ ބަޖެޓް ސެކްޝަންގެ ޑިރެކްޓަރ އަލްފާޞިލް އިބްރާޙިމް ރަޝީދުއާއި ކޮމިޓީން ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވެއެވެ. އަދި މިހާރު ތައްޔާރުކޮށްފައިވާ ދެލިކޮޕީ އެންމެ ރަނގަޅު ކަމަށް ނިންމަވާ، މައި ކޮމިޓީއަށް ފޮނުއްވާ އެކަމާއި ބެހޭ އިތުރު ދިރާސާތައް ކުރިއަށްގެންދެވުމަށް ސަބް-ކޮމިޓީން ނިންމެވިއެވެ.

ސަބް ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައިވަނީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަޙީމްއެވެ.