މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލި ސަބް ކޮމިޓީގެ ރިޕޯޓް ނިންމެވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފި

މިއަދު ބޭއްވުނު ޢާންމު ކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލި ސަބް ކޮމިޓީގެ ރިޕޯޓް ނިންމެވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފިއެވެ.

މި ގޮތުން މި އިސްލާހުތަކާ މެދު މަޝްވަރާ ކުރެއްވުމަށްފަހު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު ރިޕޯޓް ފާސްކުރުމުގެ ކުރިން ކޮމިޓީގެ ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަށް ރިޕޯޓް ފޮނުވުމަށް ހުށަހެޅުއްވިއެވެ. އަދި މިހުށަހެޅުމަށް ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ތާއީދު ކުރެއްވިއެވެ. އެއްވެސް މެންބަރަކު އިޢުތިރާޒް ނުކުރައްވާތީ ކޮމިޓީގެ އިއްތިފާޤުން ހުށަހެޅުއްވި ގޮތަށް ފާސްވިއެވެ.

އެއަށްފަހު މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ނޫސްވެރިން އަމަލުކުރުމާއި ގުޅޭ ގޮތުން ހެދިފައިވާ އުސޫލް މަޖިލިސް ފެށުމުން ދިރާސާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި 2013 ވަނަ އަހަރަށް ލަފާ ކުރާ މަޖިލީހުގެ އިދާރާގެ ބަޖެޓް ދިރާސާ ކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީ އަލުން އެކުލަވާލުމަށް ހުށަހެޅި ތާއީދުލިބުމުން، އަލުން ސަބް ކޮމިޓީ އެކުލަވާލެއްވިއެވެ. މި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙުއެވެ.