ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ހުށަހެޅިފައިވާ އިޞްލާހުތައް ދިރާސާކުރެއްވުމަށް އާންމު ކޮމިޓީން ހޮއްވެވި ސަބް-ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ހުށަހެޅިފައިވާ އިޞްލާޙުތަކުގެ ތެރެއިން 4 އިޞްލާޙެއް ދިރާސާކޮށް ނިންމަވައި، ތަރުތީބުކުރައްވައި މައި ކޮމިޓީއަށް ހުށަހެޅުއްވުމަށް ނިންމަވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި މައި ކޮމިޓީއަށް ހުށަހެޅުމަށް، ސަބް ކޮމިޓީއިން ދިރާސާކޮށް ނިންމަވައި ތަރުތީބުކޮށް، ކޮމިޓީން ފެންނަކަމަށް ފާސްކުރެއްވި 4 އިޞްލާޙަކީ، “ސަރުކާރު ނިސްބަތްވާ ޕާޓީ” މާނަކުރުމަށް މަޖިލީހުގެ ގަވައިދުގެ 217 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާހާއި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 213 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާހާއި، ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަޙުގީގު ކުރިއަށް ގެންދެވެން ނެތް ޙާލަތެއްގައި މެންބަރަކު ހައްޔަރު ކުރަން ޖެހިއްޖެ ހިދެއްގައި މެންބަރުން ހައްޔަރު ކުރާތާ ލަސްވެގެން 15 މިނެޓް ތެރޭގައި މަޖިލީހުގެ ރައީސަށް ނުވަތަ ޢަމީން ޢާންމަށް އަންގަވަންވާނެ ކަމަށް ބަޔާންކޮށް މަޖިލީހުގެ ގަވައިދުގެ 202 (ށ) އަށް ހުށަހަޅުއްވާފައިވާ އިޞްލާހާއި އަދި ރައްޔިތުންގެ މަޖިލީހުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކައެއް ނުދެއްކޭނެކަމަށް ބަޔާންކޮށް މަޖިލީހުގެ ގަވައިދުގެ 219 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށް އެދި ހުށަހަޅުއްވާފައިވާ އިޞްލާޙުއެވެ. މިއިޞްލާޙުތައް ދިރާސާކޮށް ނިންމެވިގޮތުގެ ރިޕޯޓް މައިކޮމިޓީއަށް ހުށަހެޅުމަށް ނިންމެވިއެވެ.
އަދި މިއިސްލާޙުތަކުގެ އިތުރުން، މަޖިލީހުގެ ގަވައިދަށް ހުށަހެޅިފައިވާ އިސްލާޙުތަކަކީ ކުޑަކޮމިޓީން އެއާއިމެދު ގޮތެއް ނިންމެވުމުގެ ބަދަލުގައި މުޅިކޮމިޓީގެ މަޝްވަރާ އެއިޞްލާޙުތަކަށް ބޭނުންވާ އިޞްލާޙުތަކަކަށްވާތީ މައިކޮމިޓީއިން އެއިސްލާޙުތަށް ނިންމެވުމަށް ކޮމިޓީއިން ނިންމެވިއެވެ. އޭގެތެރޭގައި މަޖިލީހުގެ ދައުރާއި ޗުއްޓީއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގެ (ހ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙުއާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތަކުގެ އިބްތިދާއީ ބަހުސްގެ ވަގުތު 2 ގަޑިއިރަށް ބަދަލުކުރެއްވުމަށް އެދި ގަވައިދުގެ 77 ވަނަ މާއްދާގެ (ނ) އާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ އިޞްލާހުއާއި އަދި މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށް އެދި ހުށަހަޅުއްވާފައިވާ އިޞްލާޙު ހިމެނެއެވެ.
މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އަދި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވައިފައިވާ އިސްލާޙުތައް ކުރިއަށް ގެންދަވާނެ ގޮތަކާ ގުޅޭގޮތުން ހޮއްވެވި ސަބް- ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ކަމަށް ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އަދި ކޮމިޓީގެ ނައިބު މުޤައްރިރު ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ކޮމިޓީގެ ޢިއްތިފާގުން ހޮއްވަވާފައިވެއެވެ.