މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަހަރުގެ 17 ވަނަ ބައްދަލުވުމުގައި، މަޖިލީހުގެ އިދާރާގެ 2013 ވަނަ އަހަރުގެ ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމަށް ސަބް-ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.
މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙްއެވެ.
އެއަށްފަހު، މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވައިފައިވާ އިސްލާޙުތައް ކުރިއަށް ގެންދަވާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އައި.ޕީ.ޔޫގެ އެކްސްޕާރޓުން ފޮނުއްވާފައިވާ ޚިޔާލުފުޅުތައް ދިވެހި ބަހަށް ތަރުޖަމާކުރެއްވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.
މީގެއިތުރުން، މަޖިލީހުގެ ގަވައިދަށް ހުށަހެޅިފައިވާ އިޞްލާޙުތައް ދިރާސާކުރެއްވުމަށް އާންމު ކޮމިޓީއިން، 3 މެންބަރުންގެ ސަބް- ކޮމިޓީއެއް އެކުލަވާލެއްވިއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުންނަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އަދި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުއެވެ.
މަޖިލީހުގެ ގަވައިދުގެ މަސައްކަތް ކުރެއްވުމަށް ސަބް ކޮމިޓީއެއް އެކުލަވާލެއްވުމަށްފަހު، މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތް އިޝުއަރަންސް ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލް ދިރާސާކުރެއްވުމަށް ހޮއްވެވި ޢާންމުކޮމިޓީގެ ސަބް-ކޮމިޓީގެ ރިޕޯޓް، ކޮމިޓީގައި އިއްވަވައި، އެރިޕޯޓް މައިކޮމިޓީން ތާއީދުކުރައްވައި އެމައްސަލައަށް ގޮތެއް ނިންމެވިއެވެ.
ބައްދަލުވުމަށް ހާޒިވެވަޑައިގެން ބޭފުޅުންނަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙްއެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އަދި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ.