25 މިލިއަން ޑޮލަރުގެ ލޯނު ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވުން އެންމެ ރަނގަޅުކަމަށް ކޮމެޓީއިން ނިންމަވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 47 ވަނަ ބައްދަލުވުމުގައި، 2012 ވަނަ އަހަރު ދިވެހި ސަރުކާރުން ލޯނު ނެގުމަށާއި، ގެރެންޓީ ދިނުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ލޯނުތަކުގެ ތެރޭގައި ހިމެނޭ “ސްޓޭންޑް ބައި ކްރެޑިޓް ފެސިލިޓީއަށް ސަރުކާރުންނަގާ 100 މިލިޔަން ޔޫ.އެސް ޑޮލަރުގެ ލޯނުން އިންޑިއާއިން އިމްޕޯޓް ކުރެވޭ ތަކެތިގަތުމަށް ކަނޑައެޅިފައިވާ 50 މިލިޔަން ޑޮލަރުގެ ތެރެއިން 25 މިލިޔަން ޑޮލަރު ބަޖެޓް ސަޕޯރޓަށް ރީއެލޮކޭޓް ކުރުމާއި މެދު މަޝްވަރާކުރެވުމަށްފަހު، ބަޖެޓް ސަޕޯޓްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 65 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނުގެތެރެއަށް މި 25 މިލިޔަން ޑޮލަރު އެލޮކޭޓްކުރުމަށްފަހު، މިގޮތަށް ލިޔެކިޔުންތައް އިސްލާޙްކުރުމަށްފަހު މި 25 މިލިއަން ޑޮލަރުގެ ލޯނު ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވުން އެންމެ ރަނގަޅުކަމަށް ކޮމެޓީއިން ނިންމަވައިފިއެވެ. އަދި މިގޮތުން މިލިޔެކިޔުންތައް މިދެންނެވި ގޮތަށް ބަދަލުކުރުމަށް ފަހު އަލުން  ކޮމިޓީއަށް ހުށަހެޅުއްވަމަށް ވެސް ނިންމެވިއެވެ.

އަދި  2012 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުއްދަދެއްވާ މަޖިލީހަށް ފޮނުއްވާފައިވާ ލޯނުތަކުގައި ހިމެނޭ މާލޭގައި ދިރިއުޅުމަށް ޢިމާރާތް ކުރަންފަށާފައި، ނުނިމިހުރި ޢިމާރާތްތައް ނިންމުމަށް އެހީވުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން (އެޗް.ޑީ.އެފް.ސީ) އަމިއްލަ ފަރާތްތަކަށް ދޭ ލޯނަށް ސަރުކާރުންދޭން ނިންމާފައިވާ 500 މިލިޔަން ރުފިޔާގެ ގެރެންޓީ ޢަދަދުގެ ތެރެއިން މި މަސައްކަތަށް ފައިސާ ހޯދުމަށް އެޗް.ޑީ.އެފް.ސީ އަށް 150 މިލިޔަން ރުފިޔާގެ ގެރެންޓީއެއް ދިނުމަށްޓަކައި ތައްޔާރުކޮށްފައިވާ ތަފްޞީލު ފޮނުއްވާ، އެއާއިމެދު މަޖިލީހުން ނިންމެވިގޮތެއް އަންގަވައި ދެއްވުމަށް އެދިވަޑައިގެން 19 ޖުލައި 2012 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅާއި މެދު މަޝްވަރާ ކުރައްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހަޅުއްވާފައިވާ ގޮތަށް ގެރެންޓީގެ ކަންތައް ކުރިއަށް ގެންދެވުން އެންމެ ރަނގަޅުކަމަށް ކޮމެޓީއިން ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މެންބަރުންނަކީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، މުލަކި ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.