މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، 2 ލޯނާއި ބެހޭގޮތުން ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 45 ވަނަ ބައްދަލުވުމުގައި، މާލޭގައި ދިރިއުޅުމަށް ޢިމާރާތް ކުރަންފަށާފައި، ނުނިމިހުރި ޢިމާރާތްތައް ނިންމުމަށް އެހީވުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން (އެޗް.ޑީ.އެފް.ސީ) އަމިއްލަ ފަރާތްތަކަށް ދޭ ލޯނަށް ސަރުކާރުންދޭން ނިންމާފައިވާ 500 މިލިޔަން ރުފިޔާގެ ގެރެންޓީ ޢަދަދުގެ ތެރެއިން މި މަސައްކަތަށް ފައިސާ ހޯދުމަށް އެޗް.ޑީ.އެފް.ސީ އަށް 150 މިލިޔަން ރުފިޔާގެ ގެރެންޓީއެއް ދިނުމަށްޓަކައި ތައްޔާރުކޮށްފައިވާ ތަފްޞީލު އާއި ބެހޭ ގޮތުން ނާއި ސްޓޭންޑް ބައި ކްރެޑިޓް ފެސިލިޓީއަށް ސަރުކާރުންނަގާ 100 މިލިޔަން ޔޫ.އެސް ޑޮލަރުގެ ލޯނުން އިންޑިއާއިން އިމްޕޯޓް ކުރެވޭ ތަކެތިގަތުމަށް ކަނޑައެޅިފައިވާ 50 މިލިޔަން ޑޮލަރުގެ ތެރެއިން 25 މިލިޔަން ޑޮލަރު ބަޖެޓް ސަޕޯރޓަށް ރީއެލޮކޭޓް ކުރުމަށް އެއްބަސްވެވިފައިވާތީ، މި މައްސަލައާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވައިފިއެވެ.

 އަދި ކްރެޑިޓް ފެސިލިޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 50 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 25 މިލިއަން އެމެރިކާ ޑޮލަރު ބަޖެޓް ސަޕޯޓްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވުމަށް ނިންމެވުމުން، މި 25 މިލިއަން އެމެރިކާ ޑޮލަރަށް %1.5 އިންޓަރެސްޓްގެ ގޮތުގައި  އިތުރަށް ދައްކަންޖެހޭތީ، މިކަމާގުޅޭގޮތުން މެންބަރުން ސުވާލުކުރެއްވިއެވެ. މިގޮތުން މިނިސްޓަރ ދެއްވި ޖަވާބުގައި  މިވަގުތު މާލީ ހާލަތު ހުރިގޮތުން، މިދެންނެވުނު 25 މިލިއަން އެމެރިކާ ޑޮލަރު ބަޖެޓް ސަޕޯޓްގެ ގޮތުގައި ނުނަންގަވައިފިނަމަ މިމަހުގެ މުސާރަ ދިނުމަށް ދަތިވާނެކަމަށް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މެންބަރުންނަކީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، މުލަކި ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.