2012 ވަނަ އަހަރު ސަރުކާރުން ނެންގެވުމަށް ނިންމަވާފައިވާ ބައެއް ލޯނުތަކާއި ބެހޭގޮތުން މާލިއްޔަތު ކޮމިޓީން މަޝްވަރާކުރައްވައިފި

މިއަދު ހެނދުނު 11:15 އިން 12:35 އަށް ބޭއްވުނު މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 43 ވަނަ ބައްދަލުވުމުގައި 2012 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހަމަޖެހިފައިވާ ލޯނު ތަކުގެ ތެރެއިން ހައުސިންގް ޑިވެލޮޕްމެންޓް ފިނޭންސް ކޯޕަރޭޝަނަށް (އެޗް. ޑީ.އެފް.ސީ) 150 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދިނުމާ ގުޅޭގޮތުން 19 ޖުލައި 2012 ގައި ރައީސް އޮފީހުން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާ ކުރައްވައިފިއެވެ.

މީގެ އިތުރުން 2012 ވަނަ އަހަރު ސަރުކާރުން ނަގަން ހަމަޖައްސަވާފައިވާ ލޯނުތަކުގެ ތެރޭގައި ހިމެނޭ ސްޓޭންޑް ބައި ކްރެޑިޓް ފެސިލިޓީ އިން އިންޑިޔާއިން އިމްޕޯޓް ކުރެވޭ ތަކެތި ގަތުމަށް ކަނޑައެޅިފައިވާ 50 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 25 މިލިއަން އެމެރިކާ ޑޮލަރު ބަޖެޓް ސަޕޯޓަށް ރިއެލޮކޭޓް ކުރުމަށް އެއްބަސްވެފައިވާތީ މިކަމާ ގުޅޭ ގޮތުން 23 ޖުލައި 2012 ގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ސިޓީފުޅާއި، އަދި 1،500 ހައުސިންގް ޔުނިޓް އެޅުމަށް ޗައިނާގެ އެގްޒިމް ބޭންކުން ސަރުކާރުން ނަންގަވަން ހަމަޖެހިފައިވާ ލޯނާއި ގުޅޭ ގޮތުން 26 އޯގަސްޓް 2012 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅާއި މެދުވެސް މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި މައްސަލަތަކުގައި މާލިއްޔަތު ކޮމިޓީން ވަކި ގޮތެއް ނިންމެވުމުގެ ކުރިން އިތުރު ތަފްސީލް ހޯއްދެވުމުގެ ގޮތުން މިނިސްޓަރ އޮފް ފައިނޭންސް އެންޑް ތްރެޜަރީ އާއި ކޮމިޓީން ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މެންބަރުންނަކީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، މުލަކި ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ، އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.