މިއަދު ބޭއްވުނު ގަވައިދު ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގައި “ހުޅުމާލެ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވައިދު” މަޖިލީހުގެ ގަވައިދު ކޮމިޓީން އިޞްލާޙުކޮށް ފޮނުއްވާފައިވާ ޑްރާފްޓް މިހާރު އޮތްގޮތުން ތަރައްޤީކުރެވޭ ނެއިބަރހުޑުތަކުގެ ޕްލޭނިންގ މިންގަނޑުތަކާ ތަޢާރުޒުވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފާހަގަކުރައްވާފައިވުމުން، އެކަމާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީގެ ބޭފުޅުންނާއި މަޝްވަރާކުރައްވައިފިއެވެ.
މިގޮތުން، ހުޅުމާލޭގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގެ، ބިންމަތީގައި ތަފާތު ބޭނުންތަކަށް ހުއްދަކުރެވިފައިވާ ކަންތައްތަކާބެހޭގޮތުންނާއި، ހުއްދަނޫން ކަންތަކާބެހޭގޮތުން މިނިސްޓްރީގެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް ގަވައިދު އިޞްލާޙުކުރެއްވިއެވެ. އަދި މިއިސްލާޙުތަކާއެކު “ހުޅުމާލެ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވައިދު” ބައްލަވައި ނިންމެވިއެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ. އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ. އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުންނެވީ ސަލާމުގައެވެ.