ރައްޔިތުންގެ މަޖިލިހުގެ ރައީސް ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލަމެންޓަރީ ގްރޫޕްގެ ޗެއަރޕަރސަނާ ބައްދަލުކުރައްވައިފި

ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލަމެންޓަރީ ގްރޫޕްގެ ޗެއަރޕަރސަން މިސްޓަރ ޑޭވިޑް އެމީސްއާ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރެވޭ މަސައްކަތާއި ބެހޭ ގޮތުންނާއި، ދަތިތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކުރުމައްޓަކައި މިއަދު ކުރެވެމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާ، ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާ މަޝްވަރާ ކުރެއްވިއެވެ.

މިސްޓަރ ޑޭވިޑް އެމީސް ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ޤައުމަކުންވެސް ޑިމޮކްރަސީގެ އުސޫލުތައް ހިފެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ މަސްރަޙާއި، ދެ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

17 ސެޕްޓެމްބަރ 2012