ހުޅުމާލޭގެ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވައިދާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން ކުރިއަށް ގެންދަވައިފި

މިއަދު ބޭއްވުނު ގަވައިދު ކޮމިޓީގެ 18 ވަނަ ބައްދަލުވުމުގައި ހުޅުމާލޭގެ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވައިދާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެއްވުން ކުރިއަށް ގެންދަވައިފިއެވެ.

އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާއި މަޝްވަރާކުރެއްވުމަށް ނިންމެވިއެވެ. މިބައްދަލުވުން އޮންނާނީ 18 ސެޕްޓެމްބަރ 2012 ވާ އަންގާރަދުވަހުއެވެ.

މީގެއިތުރުން، މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތަފާސް ހިސާބުތަކާބެހޭ ގަވައިދުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިގޮތުން އެގަވައިދުގެ 4 ވަނަ މާއްދާއާއި ހަމައަށް ބެއްލެވިއެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް އެވެ. އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުންނެވީ ސަލާމުގައެވެ. އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.