ޢިމާދުއްދީން ސްކޫލުގެ ގްރޭޑް 7 ގެ 169 ދަރިވަރުން މިއަދު ދެބުރަކަށް ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކޮށް ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާބެހޭ މަޢުލޫމާތު ހޯދައިފިއެވެ. އަދި މިކަން އިންތިޒާމުކުރެވުނީ ގްރޭޑް 7 ގެ ސޯޝަލް ސްޓަޑީސް މާއްދާގައި ހިމެނިގެންވާ ޔުނިޓް 11 ގައިވާ ރައްޔިތުންގެ މަޖިލީހާބެހޭ ފިލާވަޅަށް އިތުރު މަޢުލޫމާތު އޮޅުންފިލުވައިދިނުމުގެ ގޮތުން މިސްކޫލުން އެދިވަޑައިގަތުމުގެ މަތިންނެވެ.
ޢިމާދުއްދީން ސްކޫލުގެ ދަރިވަރުން މަޖިލިސްކުރާގެއަށް ޒިޔާރަތްކުރުމުން މަޖިލީހުގެ އިދާރާގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާ އެކުދިންނާ ބައްދަލުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާގުޅޭ މުހިންމު މަޢުލޫމާތު ދެއްވިއެވެ. މީގެއިތުރުން މަޖިލީހާގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްސަކުރެވިފައިވާ ޕާލިމަންޓްރީ އެޑިއުކޭޝަން ޓީމްގެ ބޭފުޅުން ޢިމާދުއްދީންގެ ދަރިވަރުންނަށް މަޢުލޫމާތު ދެއްވެވިއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މަސައްކަތްތަކާއި، ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ. އަދި މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޙާބު ކުރާ ގޮތާ ބެހޭގޮތުންވެސް މިޒިޔާރަތުގައި ސްކޫލްކުދިންނަށް މަޢުލޫމާތުދެވުނެވެ.
މިސްކޫލްގެ ދަރިވަރުން މިއަދު ރައްޔިތުންގެ މަޖިލިސްކުރާގެއަށް ކުރި ޒިޔާރަތުގައި، އެސްކޫލްގެ ބައެއްވެރިންނާއި، މުދައްރިސުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.