ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއީ ސަރ ޑޮނަލްޑް މެކިނަންއާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ކުރިއަށް ގެންދެވުމުގައި ކުރިމަތިވެފައިވާ ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާތައް ކުރެވިފައިވެއެވެ. އަދި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި، މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކަށް އަލިއަޅުވާލައްވާ ވާހަކަދެއްކެވުމަށްފަހު، މިކަމަށް ޙައްލެއް ހޯއްދެވުމަށް ޕާޓީތަކުގެ މެދުގައި މިހާރު މަޝްވަރާތައް ކުރިއަށްގެންދަވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން 7 ފެބްރުއަރީ ގައި ވެރިކަން ބަދަލުވުމަށް މެދުވެރިވި ކަންތައްތަކާއި، އޭގެ ފަހުން ހިނގި ކަންތަކާއި ގުޅޭގޮތުން،ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓްގައި ރައްޔިތުންގެ މަޖިލިސް ހިމެނިފައިވުމާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއީ މަޝްވަރާކުރެއްވިއެވެ.
