އަންނަ އާދީއްތަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފި

16 ސެޕްޓެމްބަރ 2012 ވާ އާދީއްތަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު އަންގަވައިފިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީގެ ވަގުތުގައިވެސް ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމުގެ ބާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 109 ވަނަ މާއްދާގެ ދަށުން އެ ކޮމިޓީތަކަށް ލިބިދެއެވެ. ވީމާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެއެވެ.

އަދި ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު 1 އޮކްޓޯބަރު 2012 ގައި ފެށޭނެ ވާހަކަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ އަންގަވާފައެވެ. އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ އެޖެންޑާ ފަހުން އިޢްލާނުކުރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އެކަށީގެންވާ އަމާން މާޙައުލެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށްފަހު، 31 ޖުލައި 2012 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލެވިފައި އޮތުމަށްފަހު، މަޖިލީހުގެ މަސައްކަތްތައް އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދެވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މަޖިލީހުގެ މަސައްކަތްތައް އަލުން ފެށުމަށް ހަމަޖެހުމާ ގުޅިގެން މަޖިލީހުގެ ރައީސް މިއަދުވަނީ ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީހުގެ މެންބަރުން މި މަޝްވަރާތަކަށް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.