ނޫސް ބަޔާން: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ފޮނުއްވި ސިޓީއަށް މަޖިލީހުގެ ރައީސް ޖަވާބު ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން އިސްތިޢުފާ ދިނުމާގުޅޭ އިޖުރާޢަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ވަކި ގޮތަކަށް ކަނޑައަޅާފައިވާ އިޖުރާޢަތެއްކަމަށްވީހިނދު، އެ އިޖުރާޢަތު އެނޫން ގޮތަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިގެންނުވާކަމަށް ބަޔާންކޮށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓްރި ގްރޫޕްގެ ލީޑަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ސިޓީއެއް ފޮނުއްވައިފިއެވެ.

މި ސިޓީއަކީ، “އެމް.އެން.ޑީ.އެފް. އޮޕަރޭޝަން ލިބަޓީ ޝީލްޑް ރިޕޯޓް” ގައިވާ މަޢުލޫމާތަށް ބަލައި، އެ މަޢުލޫމާތުތަކުގެ އަލީގައި، 7 ފެބްރުއަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންނެވި، ގ. ކެނެރީގެ އަލްފާޟިލް މުޙަންމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާކަމުން އިސްތިޢުފާ ދެއްވިކަމުގެ ސިޓީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ދައްކަވައި، ނިންމެވި ނިންމެވުމާމެދު އިތުރު ފައިސަލާއެއް ކުރެއްވުމަށް އެދިވަޑައިގެން 27 އޮގަސްޓް 2012 ގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއަށް ޖަވާބު ދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީއެކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 121 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން އިސްތިޢުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައި، އެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބުމުން ރައީސުލްޖުމްހޫރިއްޔާ އެ މަޤާމުން ވަކިވީކަމަށެވެ. ވީމާ، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން އިސްތިޢުފާ ދިނުމާ ގުޅޭ އިޖުރާޢަތު ޤާނޫނުއަސާސީން ވަކި ގޮތަކަށް ކަނޑައަޅާފައިވަނިކޮށް، އެ އިޖުރާޢަތު އެނޫން ގޮތަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިގެނެއް ނުވެއެވެ.

 

12 ޝައްވާލް 1433

30 އޯގަސްޓް 2012