1 ޖޫން 2012 ގަ ފެށުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމިގެން ދިޔަނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާގޮތުގެ މަތީން މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ސެޕްޓެމްބަރ މަހުގެ ތެރޭގައި ފެށުމަށްޓަކައި މަޖިލީހުގެ ރައީސް މަސައްކަތްކުރައްވަމުން އެބަގެންދަވައެވެ. އަދި މަޖިލީހުގެ 3 ވަނަ ދައުރުގެ މަސައްކަތް މަޖިލީހުގެ ގަވައިދުގައިވާގޮތުގެމަތީން 1 އޮކްޓޯބަރ ގައި ފެށޭނެ ކަމަށްވެސް މަޖިލީހުގެ ރައީސް އިޢުލާން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަކީ ޚިޔާލު ތަފާތުވާ ކަންކަމުގައި މަޝްވަރާކޮށް ގޮތްތައް ނިންމަންޖެހޭނެ ތަނެކެވެ. މިހާރު އަމަލުކުރަމުން މިގެންދާ ޤާނޫނު އަސާސީގެ ރޫޙަކީވެސް އެއީކަމުގައި މަޖިލިހުގެ ރައީސް ދެކެވަޑައިގަންނަވައެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޚިޔާލުތަފާތުވާ ކަންކަމުގައި ވާހަކަދައްކައިގެން ޙައްލުތައް ނެރެގެން މަޖިލީހުގެ މަސައްކަތް ކުރިއަށްގެންދިއުމަކީ ކުރަންޖެހޭނެ ކަމެއްކަމުގައިވެސް މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވައެވެ.
ސިޔާސީ ގޮތުން މިފަދަ ހަލަބޮލި އަދި ނާޒުކު ދަނޑިވަޅެއްގައި މަޖިލީހުގެ މެންބަރުންނާއި އަދި ސަރުކާރުގެ ވެރިންނާއި، ސިޔާސީ ޕާޓީ ތަކާއި މީޑިއާގެ ފަރާތްތަކުންވެސް އިތުރު ބައިބައިވުންތައް އުފެދިދާފަދަ ކަންތައްތަކުންނާއި ފިތުނަ އުފެދޭނެ ޒާތުގެ ބަހުގެ ހަމަލާތައް ދެއްވުން ހުއްޓާލައްވައި ސީރިއަސް ކަމާއެކު ކަންކަމުގައި ޙައްލު ހޯއްދަވައިދެއްވުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކޮށްދެއްވައި އެއްބާރުލުން ދެއްވުމަށްވެސް މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވައެވެ.
12 ޝައްވާލް 1433
30 އޯގަސްޓް 2012