ނޫސް ބަޔާން: ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިލްތިމާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާފަދަ އަމާން މާޙައުލެއް ކަށަވަރުކުރެވުން ނެތުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް 31 ޖުލައި 2012 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މަޝްވަރާތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ އަމާން މާޙައުލެއް ޤާއިމުކޮށް، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ، ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާ އުސޫލުތައް ފާސްކުރެވިގެންކަމަށް ޕާލިމެންޓަރީ ގްރޫޕްތަކުގެ ލީޑަރުންގެ ބައްދަލުވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މަޝްވަރާދެއްވާފައިވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމަންޓަރީ ގްރޫޕްތަކުގެ ލީޑަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންނަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ސިޓީން އިލްތިމާސްކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ 12 އޭޕްރިލް 2010 ގައެވެ. އަދި އެ ގަވާއިދު ފާސްކުރެއްވުމަށްޓަކައި 25 އޭޕްރިލް 2011 ވަނަ ދުވަހާއި، 30 އޭޕްރިލް 2012 ވަނަ ދުވަހުގެ ތާރީޚުގައި ވޯޓަށް އެހިފައިވީނަމަވެސް، އެ ގަވާއިދު ފާސްކުރުމަށް ބޭނުންވާ ޢަދަދަށް ވޯޓު ނުލިބުމުގެ ސަބަބުން އެ ގަވާއިދުވަނީ ފާސްނުވެފެއެވެ. އަދި، އެ ގަވާއިދު ފާސްކުރުމަށް ބޭނުންވާ ޢަދަދަށް ވޯޓު ލިބިފައިނުވާއިރު، އެ ގަވާއިދަށް ގެންނަވަން މެންބަރުން ފެނިވަޑައިގަންނަވާ އިޞްލާޙުތައް ހުށަހެއްޅުވުމަށް ދެވުނު ފުރުޞަތުގައި، އެ ގަވާއިދަށް އިޞްލާޙެއްވެސް ހުށަހަޅުއްވާފައެއް ނުވެއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން، 30 އޭޕްރިލް 2012 ގައި އެ ގަވާއިދުވަނީ ސުލޫކު ކޮމިޓީއަށް ފޮނުވިފައެވެ. އެހެންނަމަވެސް، އެ ގަވާއިދު ދިރާސާކުރުމުގެ މަސައްކަތް މިއަދާ ހަމައަށްވެސް އެ ކޮމިޓީން ފައްޓަވާފައެއް ނުވެއެވެ.

28 ރަމަޟާން 1433

16 އޯގަސްޓް 2012