ނޫސް ބަޔާން: މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް އެއްބަސްވެފައިވުން

މިއަދު، 14 އޯގަސްޓް 2012 ވީ ހޯމަދުވަހުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމަންޓަރީ ގްރޫޕްތަކުގެ ލީޑަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ބައިވެރިވަޑައިގެންނެވި ބައްދަލުވުމަކީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ އަމާން މާޙައުލެއް ޤާއިމްކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް 3 އޯގަސްޓް 2012 ވީ ހުކުރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަންތައްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޕާލިމަންޓަރީ ގްރޫޕްތަކުގެ ލީޑަރުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް ހުށަހެޅުނު ހުށަހެޅުއްވުމަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މެދުވެރިކުރައްވައި ހަމަޖެހިގެންދިޔަ ބައްދަލުވުމެކެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެޑައިގެން ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންފައިނުވަނީ، 3 އޯގަސްޓް 2012 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންފައިވަނީ، މިއަދު އޮތް ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިނުގަންނަވާ ގޮތަށެވެ. އެގޮތަށް އެއްބަސްވެވަޑައިގެންފައިވަނީ އޭރު އެ ބައްދަލުވުމުގައި ތިއްބެވި ޕާޓީތައްކަމަށްވާ އެމް.ޑީ.ޕީއާއި، ޕީ.ޕީ.އެމްއާއި، ޑީ.އާރް.ޕީއާއި، ޕީ.އޭގެ އިއްތިފާޤުންނެވެ. އެރޭ މަޖިލީހުގެ ގޭގައި އޮތް ބައްދަލުވުމުގެ މިހާހިސާބަށް ދިޔައިރު، ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަލްފާޟިލް ޤާސިމް އިބްރާހިމް ވަނީ ޖުމްހޫރީ ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެރޭ އޮތް ޚާއްސަ ޙަފްލާއަކަށް ވަޑައިގަތުމަށްޓަކައި އެ ބައްދަލުވުމުން ނުކުމެވަޑައިގެންފައެވެ.