ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމަށް 13 ޑިސެމްބަރު 2011 ގައި ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްދެއްވި މުއްދަތު 05 އޮގަސްޓް 2012 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރެއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ރިޕޯޓާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށްޓަކައި، 5 އޮގަސްޓް 2012 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ކަނޑައަޅުއްވައިފިއެވެ.
މަޖިލީހުގެ ރައީސް މެންބަރުންނަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ ޤާނޫނުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމެނޭ ގަވާއިދުތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ އަދި މަދަނީ ޙައްޤުތަކާއި، ރައްޔިތުންނަށް ލިބިދޭންޖެހޭ މަންފާތަކާ ސީދާ ގުޅުންހުރި ގަވާއިދުތަކެއް ކަމަށާއި އެ ގަވާއިދުތަކަކީ ދައުލަތުގެ އެކިއެކި މުއައްސަސާތައް ހިންގުމަށް ބޭނުންވާ އިޖުރާޢަތުތަކާއި އުސޫލުތަކާ ސިދާ ގުޅުންހުރި މުހިންމު ގަވާއިދުތަކެއްކަމަށެވެ. އަދި އެ ގަވާއިދުތަކުގެ ތެރޭގައި އަދުލު އިންޞާފު ޤާއިމްކުރުމަށް ބޭނުންވާ ގަވާއިދުތަކާއި، އިޤްތިޞާދީ، އިޖްތިމާޢީ، އަދި ތަޢުލީމުގެ ދާއިރާ ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، ސިޔާސީ ޕާޓީތައް ހިންގުމަށް ބޭނުންވާ ގަވާއިދުވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) އަށް ޢަމަލުކުރުމުގެ މުއްދަތު 05 އޮގަސްޓް 2012 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، އެ ޤާނޫނުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމެނޭ ގަވާއިދުތަކުގެ ތެރެއިން އެކިފަހަރުމަތިން ރައްޔިތުންގެ މަޖިލީހުން އުނިކުރައްވާފައިވާ ގަވާއިދުތައް ފިޔަވައި، ދެންހުރި ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުނުކޮށްފިނަމަ، އެ ގަވާއިދުތަކަށް ލިބިދީފައިވާ ޤާނޫނީ ހައިޞިއްޔަތު ގެއްލިގެންދާނެކަން ސިޓީގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން އެގަވާއިދުތަކަށް ލިބިދީފައިވާ ޤާނޫނީ ހައިޞިއްޔަތު ނެތިގޮސްފިކަމުގައިވާނަމަ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަދި އިސްވެދެންނެވި ގަވާއިދުތަކުގެ ދަށުން ރައްޔިތުންނަށް ލިބެމުންދާ އެތަކެއް މުހިންމު ޚިދުމަތްތަކާއި މަންފާތައް ހުއްޓުމަކަށް އައިސް، އެ ގަވާއިދުތަކުގެ ދަށުން އެކުލަވާލާފައިވާ ބޯޑުތަކުގެ ޤާނޫނީ ހައިޞިއްޔަތު ގެއްލިގެން ދިއުމުގެ ސަބަބުން ދައުލަތް ހިންގުން ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިގެންދާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އަދި، މިކަން ކުރިއަށް ގެންދިއުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
16 ރަމަޟާން 1433
4 އޯގަސްޓް 2012