ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ އަމާން މާޙައުލެއް ގާއިމުކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ޚިޔާލު ތަފާތުވެފައިވާ މައްސަލަތަކާމެދު މަޝްވަރާކޮށް ވާހަކަދައްކައި ސުލްޙަވެރި ޙައްލެއް ހޯދުމުގެ މަޤްސަދުގައި ހުކުރު ދުވަހުގެރޭ 09:30 ގައި މަޖިލީހުގެ ގޭގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ އަމާން މާޙައުލެއް ގާއިމުކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ޚިޔާލު ތަފާތުވެފައިވާ މައްސަލަތަކާމެދު ވާހަކަ ދައްކައިގެން އެކަންކަން ޙައްލުކުރުމަކީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީހުގެ ރައީސްގެވެސް ޤާނޫނީ އަދި ޤައުމީ ވަޖިބެއްކަމުގައި ދެކެވަޑައިގަންނަވާކަމުގައި މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައިވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ. އެސިޓީގައި މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވެފައިވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަދައްކައި ސުލްޙަވެރި ޙައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭނެ ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކީ ހުއްޓުމެއްނެތި ކުރިޔަށް ގެންދެވެންޖެހޭނެ މަސައްކަތެއްކަމުގަޔާއި އެކަމަށް ބޭނުންވާ އެއްބަސްވުންތަކަށް އާދެވުމުގެ ޤާބިލުކަން މެންބަރުންގެ ކިބައިގައި ހުންނަންވެސް ޖެހޭނެކަމުގައެވެ. އަދި އެއީ ރައްޔިތުން އެމެންބަރުން އިންތިޚާބު ކޮށް ހަވާލު ކޮށްފައިވާ މަސައްކަތްކަމުގައެވެ.

އެހެންކަމުން މިކަންކަމާމެދު މަޝްވަރާކޮށް ވާހަކަ ދައްކައި ސުލްޙަވެރި ޙައްލެއް ހޯދުމުގެ މަޤްސަދުގައި މާދަމާރޭ ( 3 އޯގަސްޓް 2012 ހުކުރު ދުވަހުގެ ރޭ ) 9:30 ގައި މަޖިލީހުގެ ގޭގައި ބާއްވާ ބައްދަލުވުމަށް ވަޑައިގެންދެއްވުމަށް މަޖިލީހުގެ ރައީސްވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

14 ރަމަޟާން 1433

2 އޯގަސްޓް 2012