ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބާއްވައިފި (24.5.2010)

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި އެމެރިކާގެ ސަރުކާރާއި ދެމެދު އެއްބަސްވުންތަކެއް އެއްބަސްވެފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެން މިކަމުގެ ޙަޤީޤަތަކީ ކޮބާކަން ބަލައިދެއްވުމަށް އެދިވަޑައިގެން ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

އިއްޔެ ބޭއްވުނު ބައްދަލުވުމުގައި ކޮމިޓީއަށް ޚާޒިރުވެޑައިގެން ތިއްބެވި މެންބަރުން ކޮމިޓީގައި ދިރާސާކުރައްވަމުން ގެންދަވާ މައްސަލައާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކާއި އެމައްސަލައާއި ގުޅޭގޮތުން ފެނިވަޑައިގަންނަވާ ގޮތާއިގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ.

އެއަށްފަހުގައި، ކޮމިޓީން ނިންމެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން މިމައްސަލައާ ގުޅޭގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަލްފާޟިލް އަޙްމަދު ނަސީމް، ޑެޕިއުޓީ އެޑިޝަނަލް ސެކެރެޓަރީ އަލްފާޟިލާ އައިޝަތު ލިޔުޝާ ޒާހިރު، މިދެބޭފުޅުން ސޮއިކޮށް ފޮނުއްވާފައިވާ ދެސިޓީގައި ތައާރަޒުވާ އިބާރަތްތަކެއް ހުރުމާއިއެކު، އެމައްސަލައާ ގުޅޭގޮތުން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތުތައް އިތުރަށް އޮޅުންފިލުއްވުމަށްޓަކައި އެދެބޭފުޅުން 24 މެއި 2010 ވާ ހޯމަ ދުވަހު 11:00 އަށް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

އަދި ހަމަ މިމައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން ކޮމިޓީއަށް ހޯދަން ބޭނުންވާ އެންމެ ފުރިހަމަ މަޢުލޫމާތު ކޮމިޓީއަށް ލިބިވަޑައިގެންފައިނުވާތީ، އެމަޢުލޫމާތު ހޯއްދެވުމަށްޓަކައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދުވެސް 24 މެއި 2010 ވާ ހޯމަ ދުވަހު 11:00 ޖަހާއިރު ބާއްވާ އެކޮމިޓީގެ ބައްދަލުވުމަށް ޚާޒިރުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި ކޮމިޓީއަށް ބޭނުންފުޅުވާ ބައެއް މަޢުލޫމާތު ސާފުކުރެއްވުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކޮންޓްރޯލް އިލްޔާސް ޙުސައިން އިބްރާހީމްވެސް ހަމަ މިދުވަހު އޮތް ކޮމިޓީގެ ބައްދަލުވުމަށް ޙާޒިރުކުރުމަށް ކޮމިޓީން ނިންމެވިއެވެ.

މީގެ އިތުރުން، ކޮމިޓީގެ ހުރިހާ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، އެޓަރނީ ޖެނެރަލް އަލްއުސްތާޛް ޙުސްނުއްސުޢޫދު އާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙްއާއި،  ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލަށް، 25 މެއި 2010 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކޮމިޓީގެ ބައްދަލުވުމަށް ޚާޒިރުކުރެއްވުމަށްވެސް ކޮމިޓީން ނިންމަވާފައިވެއެވެ.

އަދި، މިމައްސަލައާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ކޮމިޓީއަށް ހޯއްދަވަން ބޭނުންފުޅުވާ ބައެއް މަޢުލޫމާތު ހޯއްދެވުމަށް ފޮނުއްވި ސިޓީގެ ޖަވާބު 23 މެއި 2010 ވަނަ ދުވަހު އެކޮމިޓީގެ ބައްދަލުވުން ބޭއްވުމާއި ހަމައަށްވެސް ލިބިފައިނުވާތީ، އެމަޢުލޫމާތު ވީހާވެސް އަވަސްފުރުސަތެއްގެ ތެރޭގައި ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ދެވަނަ ފަހަރަށް ސިޓީ ފޮނުއްވުމަށްވެސް ކޮމިޓީން ނިންމަވާފައިވެއެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރު މުލަކު ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމަށް 7 މެމްބަރުން ޚާޒިރުވެވަޑައިގެންނެވިއެވެ. އެއީ ގެމަނަފުށި ދާއިރާގެ މެންބަރު އަލްފާޟިލް އިލްހާމް އަޙްމަދުއާއި ފެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފް ނައީމާއި ތޮއްޑޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ވަޙީދުއާއި މަތިވެރި ދާއިރާގެ މެންބަރު އަލްފާޟިލް ޙުސައިން މުޙަންމަދުއާއި މަނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޠާރިޤްއާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުލްޣަފޫރު މޫސާ އަދި ގުރައިދޫ ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް ރިޒާއެވެ.