މިއަދު ބޭއްވުނު ގަވައިދު ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގައި ޤާނޫނު ނަންބަރ 6/2008 (ޢާންމު ޤާނޫނުތަކާބެހޭ ޤާނޫނު)ގެ ޖަދުވަޅު 1 އަދި 2 ގައި ހިމެނިފައިވާ ގަވާއިދުތަކާ ގުޅޭގޮތުން އެޓާރނީ ޖެނެރަލް އޮފީހުން 23 އޭޕްރީލް 2012 ގައި ދެއްވި ލަފަޔާ އެއްގޮތްވާގޮތުގެ މަތިން މަޖިލީހުން ފާސްކޮށްފައިވާ ބިލުތަކާއި ގުޅިގެން 6 ގަވައިދެއް އުނިކޮށް، ދެންހުރި ގަވައިދުތަކުގެ މުއްދަތު 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރެއްވުމަށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.
މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި، އުނިކުރެއްވި ގަވައިދުތަކަކީ، ކޮންޓްރޯލް ޑްރަގްސް ޕްރިސްކްރިޕްޝަންއާބެހޭ ގަވާއިދު، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ޙުކުމް ތަންފީޛުކުރާ މީހުން، އެމީހުންގެ އަމިއްލަ ޚަރަދުގައި ދިވެހިރާއްޖެއިން ބޭރުގައި ފަރުވާ ހޯދުމުގެ ގަވައިދު، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ބައެއް ޙާލަތްތަކުގައި އެމީހުން މުޖްތަމަޢާ އެކަހެރި ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވައިދު، ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގ އަށް ބޭނުންކުރާ ފްރިކުއެންސީ ދޫކުރުމާބެހޭ ގަވައިދު، ބޮންޑަޑް ވެއަރހައުސްތަކުގައި ބަހައްޓާފައި ހުންނަ މުދާ ރާއްޖެއިން ބޭރަށް ފޮނުވަން ޖެހިއްޖެ ހިނދެއްގައި ރީ އެކްސްޕޯޓްކުރުމުގެ ވަގުތީ ހުއްދަ ދިނުމުގެ ގަވާއިދު އަދި ޕޯޓް ހެލްތް މަސައްކަތާބެހޭ އާންމު ގަވައިދުއެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ އެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.