މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ނިޒާމް ގެއްލުމުން ބައްދަލުވުން ހުއްޓާލައްވައިފި

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން 10:50 ގައި ފައްޓަވައިގެން ކުރިއަށްދަނިކޮށް، ކޮމިޓީގެ މަސައްކަތް ކުރިއަށް ނުގެންދެވޭ ވަރަށް، ބައްދަލުވުމުގެ ނިޒާމް ގެއްލުމުން، 11:00 ޖެހިއިރު ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވީ ކަމަށް މުޤައްރިރު އިޢުލާނުކުރެއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް އަލުން އިންތިޒާމްކުރައްވާ، އޮޑިޓަރ ޖެނެރަލްގެ ޤާނޫނީ މައްސޫލިއްޔަތުތައް އެކަށީގެންވާ ފުރިހަމަ ގޮތެއްގައި އަދާކުރަމުން ގެންދެވޭނެ ގޮތަކަށް ކަންތައްތައް ރޭވުމަށް ބޭނުންވެފައިވާތީ، އެ އޮފީހުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމަށް އޮޑިޓަރ ޖެނެރަލް އަލްފާޞިލް ނިޔާޒް އިބްރާޙީމް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގައި ފައިނޭންޝަލް އޮޑިޓްގެ ދާއިރާއިން އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮންޓްރެކްޓްގެ އުސޫލުން ހަމަޖައްސަވާފައިވާ ފައިނޭންޝަލް އޮޑިޓް ކޮންސަލްޓެންޓް، މިސްޓަރ ޕީޓަރ ކާލިލްވެސް ބައިވެރިވެވަޑައިގަތެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ހުޅު-މީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނު އަބްދުލް ޤައްޔޫމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުއެވެ. އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއާއި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ ހާޒިރުވެވަޑައެއްނުގަންނަވައެވެ. އަދި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުންނެވީ ޗުއްޓީގައެވެ.