މިއަދު ބޭއްވުނު ގަވައިދު ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައި “ހުޅުމާލެ ޕްލޭނިންގ އަދި ޢިމާރާތްކުރުމުގެ ގަވައިދު” އަށް ހުށަހަޅުއްވާފައިވާ އިޞްލާޙްއާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ރައްޔިތުން މަޖލީހުގެ އިދާރާއަށް ފޮނުއްވާފައިވާ ސިޓީއަށް މަޝްވަރާކުރެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރެއްވުމަށް އެ މިނިސްޓްރީގެ ބޭފުޅުންނަށް ދެންނެވުމަށް ނިންމަވައިފިއެވެ.
މީގެއިތުރުން، ޤައުމީ ސަލާމަތު ކޮމިޓީން 4 އޭޕްރީލް 2011 ގައި ފޮނުއްވާފައިވާ ބިދޭސީންނަށް ދިވެހި ރައްޔިތެއްކަން ދިނުމުގައި ސަރުކާރުން ޢަމަލުކުރަމުންދާ ޢުސޫލަކީ ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުން ޢަމަލުކުރެވެމުންދާ އުސޫލެއްތޯ ބައްލަވައިދެއްވުމަށްއެދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްޠަލިބް ހުށަހަޅުއްވާފައިވާ މައްސަލައާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ އިއްތިފާގުން ނިންމަވާފައިވަނީ މިމައްސަލައަކީ ކޮމިޓީން ބަލައި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްނުވާތީ، ހުށަހެޅިފައިވާ މިމައްސަލަ އަނބުރާ ގައުމީ ސަލާމަތު ކޮމިޓީއަށް ފޮނުއްވުމަށެވެ.
މިބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވައިދުތަކާ ބެހޭ ޤާނޫނު) ގައި ހިމެނޭ ގަވައިދުތަކުގެ މުއްދަތު 5 އޯގަސްޓް 2012 އަށް ހަމަވާތީ އެކަމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް އެޖެންޑާކުރެއްވުމަށް ނިންމަވާފައިވެއެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބްއެވެ. އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް ކޮމިޓީއަށް ހާޒިރުވެވަޑައެއްނުގަންނަވައެވެ.