ޤައުމުގެދޫ ގޮވާލަނީ ޑިމޮކްރަސީ ހަރުދަނާކޮށް ދިނުމަށްޓަކައި މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

2009 ނޮވެމްބަރ 13 ން 14 ށް ދަރުބާރުގޭގައި ބޭއްވުނު ޑިމޮކްރަސީ ފެއަރ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ދަޢުލަތުގެ އެއްބާރުވެރިޔާގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަމުން ޤައުމުގެ ދޫ އަދު ގޮވާލަނީ ޑިމޮކްރަސީ ހަރުދަނާކޮށްދިނުމަށްޓަކައި ދިވެހިން މަސައްކަތްކޮށް ދިނުމަށްކަމަށް ވިދާޅުވެ ދިވެހި ރައްޔިތުންނަށް ޚާއްޞަ އިލްތިމާސްކުރައްވަވައިފިއެވެ.

މިގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދު ދިވެހިންގެ ކޮނޑުގައި އެޅިފައިވާ އެންމެބޮޑު ވާޖިބަކީ ދިވެހި ރައްޔިތުން ބުރަ މަސައްކަތުން އިންދާފައިވާ ޑިމޮކްރަސީ ގަސް އޭގެ ޅަފަތުގައި މަރުވެ ދިޔަނުދީ އެގަހަށްފެންދީ އާރޯކުރުން ކަމުގައި ބަޔާންކުރެއްވެވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ދިވެހި ރައްޔިތުންނަށް ޑިމޮކްރަސީގެ މުހިންމުކަން ހާމަކޮށްދެއްވަމުން ދިވެހިންގެ ބުރަމަސައްކަތުގެ ނަތީޖާއެއްގެގޮތުން ރާއްޖެއަށް އަލިވިލިގެން އައިސްފައިވާ ޑިމޮކްރަސީގެ ފަތިސް މެންދަމަކަށް ބަދަލުވެގެން ދިޔަނުދެއްވުމަށް ގޮވާލެއްވެވިއެވެ.

ދައުލަތުގެ ތިންބާރުގެ ވެރިން ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދެއްކެވި ކުޑަވާހަކަފުޅަކުން އިފްތިތާޙްކުރެވުނު ޑިމޮކްރަސީ ފެއަރއަކީ ފުރިހަމަ ޑިމޮކްރެޓިކް ވެރިކަމެއް ރާއްޖޭގައި ޤާއިމުވިތާ އެއްއަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްނަންގަވައިގެން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އޮފީސްތަކާއި، ވިޔަފާރިކުންފުނި ތަކުންނާއި އަދިވެސް އެހެނިހެން ފަރާތްތަކުން އިންތިޒާމްކުރި ފެއަރއެކެވެ.

މިފެއަރގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ތައްޔާރުކުރެވުނު ސްޓޯލް ބިނާކުރެވިފައިވީ ޑިމޮކްރަސީގެ އަސާސްތަކާއި ސިފަތައް ދައްކާދެވޭ ގޮތަށާއި، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާއި މަސައްކަތްތައް ދައްކުވާދޭގޮތަށެވެ.

ޑިމޮކްރަސީގަސް ރަމްޒުކޮށްދޭ ގަހެއްގެ ގޮތުގައި މަޖިލީހުގެ ސްޓޯލްގައި ހަދާފައިހުރި ގަހަށް އާންމުގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބުނެވެ. ޑިމޮކްރަސީގެ ހިޔާވެހިކަން ހޯދުމުގެ މާނައިގައި މިގަހުގެ ދަށަށް ވަރަށް ގިނަ ފަރާތްތަކުން ޒިޔާރަތްކުރިއެވެ. އަދި ގަހަށް ފެންދިނުމުގެ ރަމްޒެއްގެގޮތުން ފެންދޭ ކުރައަކުން ފެންދޭގޮތުގެ ހަރަކާތްތައްވެސް ވަރަށްގިނަ ފަރާތްތަކުން ދައްކާލިއެވެ.

ރައްޔިތުންނަށް ވީހާބޮޑަކަށް ބައިވެރިވެވޭގޮތަށް ފަރުމާކުރެވިފައިވާ މަޖިލީހުގެ ސްޓޯލްގައި، މަޖިލީހުގެ މެންބަރުންގެ ފޮޓޯ ދިމާކުރުމުގެ “ތާސްބައެއް” ކުޅުމާއި “ޑިމޮކްރަސީ ވޯރކްޓު ފްރީޑަމް” އޭކިޔުނު ފިޔަވަޅުތަކެއްގެ މަތީ ހިނގާލުމާއި އަދި ޤާނޫނުއަސާސީގެ މަޢުލޫމާތު އެކުލެވޭ ސުވާލުކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދެވުނެވެ. މިކަންކަމުގެ އިތުރުން މަޖިލިސްކުރާ މާލަމުގައި އިންނަ ރިޔާސަތުގެގޮތަށް ހެދިފައިވާ ބެކްގްރައުންޑްގައި ތިބެ ފޮޓޯނެގުމުގެ ހަރަކާތެއްވެސް ސްޓޯލްގައި ކުރިއަށް ދިޔައެވެ.