މާލިއްޔަތު ކޮމިޓީގެ 40 ވަނަ ބައްދަލުވުމުގައި ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމު ކުރުމުގެ މަސައްކަތް މެލޭޝިޔާ ނެކްސްބިޒް ކުންފުންޏާއި ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ އެ މަސައްކަތް ހުއްޓުވަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، ނެކްސްބިޒުން އެ މަސައްކަތުގެ ބޮޑު ބައެއް ނިންމަވާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވުމުން، މި މައްސަލައާއި މެދު ކޮމިޓީގައި ވަނީ މަޝްވަރާތައް ކުރައްވާފައެވެ.
11:45 ން 12:00 އަށް ކުރިއަށްގެންދެއްވި މި ބައްދަލުވުމަށް ކޮމިޓީގެ 10 މެންބަރުން ހާޒިރުވެވަޑައިގަތެވެ. އެއީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ހުޅު-މީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނު އަބްދުލް ޤައްޔޫމެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުންނެވީ ޗުއްޓީގައެވެ.