ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާއި ގުޅިގެން އިންޓަރޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ އެންޑަރސް ބީ. ޖޯންސަން، ރައްޔިތުންގެ މަޖިލިހަށް އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ހޯމަދުވަހު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އައި.ޕީޔޫ.ގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށްޓަކައި، މިހާރު މަޖިލީހުގެ ކޮމިޓީގައިވާ، މަޖިލިހުގެ މެންބަރުންގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާ ޙާލަތްތައް ބަޔާންކުރާ، “ޕާލިމެންޓަރީ ޕްރިވިލެޖްސް ބިލް”ގައި މަސައްކަތް ކޮށްދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބިލަކީ ރައްޔިތުންގެ މަޖިލިހުގައި ތަމްސީލުކުރައްވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަޙުލަބިއްޔަތުން ފާސްކުރެވޭ ބިލަކަށްވުމަކީ މުހިއްމުކަމެއްކަމުގައި ވެސް އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މީގެ އިތުރުން، 8 ފެބްރުއަރީ 2012 ގެފަހުން، ރާއްޖޭގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން، ރާއްޖޭގެ ސިޔާސީ ޚާލަތު ދަށްވެފައިވާކަމަށް އައި.ޕީޔޫ.ގެ ފަރާތުން ފާހަގަކުރައްވާ، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލުކުރެއްވުމަށް ވާދަވެރި ޕާޓީ ތަކުގެ މެދުގައި މަޝްވަރާތައް ކުރެއްވުމަށްޓަކައި، އައި.ޕީޔޫ.ގެ ފަރާތުން، އަވަސް ތާރީޚެއްގައި، ދިވެހިރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.
އައި.ޕީ.ޔޫގެ ދަޢުވަތަށް ޖެނީވާއަށް ވަޑައިގެން އުޅުއްވާ ވަފުދުގައި މަޖިލިހުގެ ރައީސްގެ އިތުރުން ދިވެހި ރައްޔިތުންގެ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
6 ރަމަޟާން 1433
25 ޖުލައި 2012