ސުލޫކު ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވަވައިފި

މިއަދު ހެނދުނު ބޭއްވުނު ސުލޫކު ކޮމިޓީގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ ގައިވާ ގޮތުގެ މަތިން ކޮމިޓީގެ 7 މެންބަރުންގެ ޢިއްތިފާޤުން މުޤައްރިރު ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް އަދި ނައިބު މުޤައްރިރު ކަމަށް ވެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ މުޙަންމަދު ހޮވިވަޑައިގެންފިއެވެ.

ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމަށްފަހު، ކޮމިޓީން ކުރިއަށްގެންގޮސްފައިވަނީ ރަމަޟާންމަހުގައި ސުލޫކު ކޮމިޓީ ބާއްވާނެ ދުވަހަކާބެހޭގޮތުން މަޝްވަރާކުރެއްވުމެވެ. މިގޮތުން ކޮމިޓީން ނިންމަވާފައިވަނީ ކޮންމެ ހަފްތާއެއްގެ ބުދަދުވަހެއްގައި ބޭއްވުމަށެވެ.

ކޮމިޓީތަކުގެ މުޤައްރިރުންނާއި ނައިބު މުޤައްރިރުން އަލުން އައްޔަންކުރައްވަނީ މިއަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، މަޖިލީހުގެ ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާގުޅިގެން، 46 މެންބަރުންގެ އިއްތިފާޤުން ކޮމިޓީތައް އަލުން އެކުލަވާލައްވާފައިވާތީއެވެ.

މިއަދު ބޭއްވުނު ސުލޫކު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުންނެވީ ސަލާމުގައެވެ.