ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މި އަހަރުގެ 8 ވަނަ ބައްދަލުވުމެއް ބާއްވައިދެއްވުމަށް އެދިވަޑައިގެން، އެ ކޮމިޓީގެ ތިން މެންބަރަކު ސޮއިކުރައްވާ ރައްޔިތުން މަޖިލީހުގެ ޤަވާއިދުގެ 123 ވަނަ މާއްދާގެ (ހ)ގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލައެއް ރައްޔިތުން މަޖިލީހުގެ އިދާރާއަށް ލިބިފައިވާތީ، އެމާއްދާގެ (ށ)ގެ ދަށުން މި މައްސަލަ ބެއްލެވުމަށްޓަކައި، އެ ކޮމިޓީގެ މިއަހަރުގެ 8 ވަނަ ބައްދަލުވުން މިއަދު 14:00 ން 14:35 ބާއްވަވައިފިއެވެ.
މި މައްސަލައަށް ކޮމިޓީގައި، ކުރެވުނު ބަހުސްގައި، ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރާއި ހޮއްވެވުމަށް އެއްވެސް ހުށަހެޅުމެއް އަދި ފާސްވެފައި ނުވުމުން، ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮވުމުގެ މަސައްކަތް ނިންމެވުމަށްފަހު، މި މައްސަލަ ބެއްލެވުމަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙަންމަދު ސާލިޙުގެ ހުށައެޅުއްވުން، ވަނީ 07 މެންބަރުންގެ ވޯޓުން ފާސްވެފައެވެ.
މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢަލީ ޢާޒިމް، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، އަދި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙްއެވެ.
ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙްމީ ހުންނެވީ ސަލާމުގައެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުންނެވީ ރަސްމީ ދަތުރު ފުޅެއްގައެވެ.
5 ރަމަޟާން 1433
24 ޖުލައި 2012