މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 39 ވަނަ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި މެދު މަޝްވަރާ ކުރައްވާ، މެންބަރުން ފާހަގަކުރެއްވި މައްސަލަތައް ހިމަނުއްވައިގެން ކޮމިޓީ ރިޕޯޓް ތައްޔާރުކުރެއްވުމަށް ނިންމަވާފިއެވެ.
މާލިއްޔަތު ކޮމިޓީ އަލުން އެކުލަވާލެއްވުމާއި ގުޅިގެން، ކޮމިޓީގެ ބައެއް މެންބަރުން ބަދަލުވެފައިވާތީ، ކޮމިޓީގެ ބައެއް ސަބް-ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތްވެސް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދަވާފައިވެއެވެ.
އެހެނިހެން ކަންތައްތަކުގެ ތެރެއިން ކޮމިޓީގެ މުޤައްރިރު ފާހަގަކުރައްވާފައިވަނީ، ސިވިލް ސާވިސް ކޮމިޝަންގެ ޤާނޫނު އިސްލާޙު ކުރަން ޖެހޭ ކަމަށް ބުނެ ޕެންޝަން އޮފީހުން ފޮނުއްވާފައިވާ ސިޓީފުޅުގެ މައްޗައް ބައްލަވާލައްވާފައެވެ. އަދި މި މައްސަލައިގައި ސިވިލް ސާރވިސް ކޮމިޝަންގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމާމެދު މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ހުޅު-މީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުންނެވީ ސަލާމުގައެވެ.