އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވަވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ މި އަހަރުގެ 9 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމަށް ބޭއްވުނު ބައްދަލުވުމުގައި ކޮމިޓީގެ އިއްތިފާޤުން މުޤައްރިރު ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި ނައިބު މުޤައްރިރަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހޮވިވަޑައިގެންފިއެވެ.

ކޮމިޓީތަކުގެ މުޤައްރިރުންނާއި ނައިބު މުޤައްރިރުން އަލުން އައްޔަންކުރައްވަނީ މިއަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، މަޖިލީހުގެ ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާގުޅިގެން، 46 މެންބަރުންގެ އިއްތިފާޤުން ކޮމިޓީތައް އަލުން އެކުލަވާލައްވާފައިވާތީއެވެ.

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ. ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.