މިހާރު ސްވިޒަލެންޑުގެ ޖެނީވާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިންޓަރޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ އެންޑަރސް ބީ. ޖޯންސަންއާއި ރޭ ބައްދަލުކުރައްވައިފިއެވެ.
މަޖިލިހުގެ ރައީސް ޝާހިދުގެ މިދަތުރުފުޅަކީ މިއަދު ބޭއްވޭ އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލްގެ ދަޢުވަތަކަށް ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙު ހަލަބޮލިވެފައިވާ ހާލަތުގައި ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރައްވާ، މަޖިލިހުގެ ދައުރު އިތުރަށް ހަރުދަނާކުރުމަށް އައި.ޕީ.ޔޫގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްރޮގްރާމްތަކެއް ރޭވުމާއި ބެހޭގޮތުން މުޅި ވަފުދު އެކީގައި މިއަދު ޖެނީވާ ގަޑިން 3 ޖަހާއިރު ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިގޮތުން، އައި.ޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީގައި ރައްޔިތުންގެ މަޖިލިހުގެ އެމް.ޑީ.ޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލަތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުން ކުރިއަށްގެންދެވޭނެއެވެ. މިބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަލްފާޟިލާ އީވާ ޢަބްދުﷲއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު އިމްތިޔާޒް ފަޙުމީ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިދަތުރުގައި މަޖިލިހުގެ ރައީސްގެ އަރިހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ އާރިފް އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ބައިވެރިވެވަޑައިގަންނަވައެވެ.