މާލިއްޔަތު ކޮމިޓީން ބައްލަވާ ދެ މައްސަލައެއްގައި ފިނޭންސް މިނިސްޓަރުގެ އަރިހުން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމަވައިފި

މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 38 ވަނަ ބައްދަލުވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.ބީ.ސީ) ގެ 2012 ވަނަ އަހަރުގެ ބަޖެޓްގެ މައްސަލައާއި، ހައުސިންގ ޑިވެލޮޕްމެންޓް ފިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އަށް ލޯންގެ ގެރަންޓީ ދެއްވުމުގެ މައްސަލައިގައި، އިތުރު މަޢުލޫމާތު ހޯއްދެވުމަށް މާލިއްޔަތު ކޮމިޓީން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ކޮމިޓީން މިގޮތަށް ނިންމެވީ އެމް.ބީ.ސީ އަށް 2012 ވަނަ އަހަރުގެ ފަހު 7 މަސްދުވަހަށް ބޭނުންވާ ފައިސާއާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީއަށް އަންގަވާފައިވާ ނަމަވެސް، އެ ކޯޕަރޭޝަންގެ ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާ ކަމަށް ބުނެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަ ބެއްލެވުމަށް ފަހުގައެވެ.

މީގެ އިތުރުން 2012 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ރައީސް ހުއްދަ ދެއްވާ މަޖިލީހަށް ފޮނުއްވާފައިވާ ލޯން ތަކުގައި ހިމެނޭ މާލޭގައި ދިރިއުޅުމަށް އިމާރާތް ކުރަން ފަށާ، ނުނިމި ހުރި އިމާރާތްތައް ނިންމުމަށް އެހީވުމުގެ ގޮތުން އެޗް.ޑީ.އެފް.ސީ އިން އަމިއްލަ ފަރާތްތަކަށްދޭ ލޯނަށް ސަރުކާރުން ދޭން ނިންމަވާފައިވާ 500 މިލިއަން ރުފިޔާގެ ގެރެންޓީ އަދަދުގެ ތެރެއިން މި މަސައްކަތަށް ފައިސާ ހޯދުމަށް އެޗް.ޑީ.އެފް.ސީ އަށް 150 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދިނުމަށްޓަކައި ތައްޔާރު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅާއި މެދު ފިނޭންސް މިނިސްޓަރާއި އެކު މަޝްވަރާކުރެއްވުމަށް ބޭނުންވާ ކަމަށް ކޮމިޓީން ނިންމެވިއެވެ. ވީމާ އެމް.ބީ.ސީ މައްސަލައިގައި މިނިސްޓަރ ކޮމިޓީއަށް ވަޑައިގަންނަވަން ހަމަޖައްސަވާ ބައްދަލުވުމުގައި އެޗް.ޑީ.އެފް.ސީ އާއި މެދު މަޝްވަރާތައް ކުރެއްވުމަށްވެސްވަނީ ނިންމަވާފައެވެ.

މިއަދު 11:05 ން 12:05 އަށް ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗް.އާރް.ސީ) ގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ދިރާސާކުރައްވާ ތައްޔާރުކުރެއްވި ރިޕޯޓާއި މެދު ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ، އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުއްލް ޤައްޔޫމްއެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުންނެވީ ސަލާމުގައެވެ.