ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ދެއްވި ޚިޠާބު

 

الحمد لله، والصلاة والسلام على رسول الله، صلى الله عليه وعلى آله وآصحابه ومن والاه.

ކުރިމަތިވަމުން އަންނަ ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުންނަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަރިސްކުރަމެވެ. އާދެ! އަޅުގަނޑުމެން މަރުޙަބާ ކިއުމަށް ތައްޔާރުވަމުން މިއަންނަނީ ބަރަކާތްތެރި ރަމަޟާންމަހާއެވެ. އެމަހަކީ އަޅުކަމުގެ މައްސަރެކެވެ. ހެޔޮލަފާ ޞާލިހު ޢަމަލުތައް ގިނަކުރުމަށް މަސައްކަތްކުރުމުގެ މައްސަރެކެވެ. އެމަހުގައި ކުރާ އަޅުކަމާއި ހެޔޮ ކަންތައްތަކުގެ ސަވާބު ގިނަ ވެގެންވާ މައްސަރެކެވެ. މާތް ﷲގެ ރަޙްމަތާ އެކަލާނގެ މަޣްފިރަތާ އަދި އެމަހުގައި ކުރާ އަޅުކަންތައްތަކުގެ ސަބަބުން ނަރަކައިން މުއްތި ކުރެއްވުން އެމަހުގައި ލައްވާފައިވާ މައްސަރެކެވެ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި ކުރަމުންގެންދާ މަސައްކަތްތަކުގައި ރަމަޟާން މަހުގެ ތެރޭގައި އަޅުގަނޑުމެންގެ ކެތްތެރިކަން އިތުރުކޮށް، އަޅުގަނޑުމެންގެ ޙުލްޤްހެޔޮކޮށް، އަޚުލާގު މަތިވެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑު ޢިއްޒަތްތެރި މެންބަރުންގެ އަރިހުން އެދެމެވެ. މާތްﷲ އެމަހުގެ ރަޙްމަތާ ބަރަކާތާއި ސަވާބުގައި އަޅަގަނޑުމެން އެންމެން ޝާމިލުކޮށް ދެއްވައި އެމަހުގައި އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިސްލާޙް ކުރުމުގެ ހެޔޮ ތަވްފީޤް ދެއްވުން އެދި އެކަލާނގެ ޙަޒްރަތުގައި ދުޢާ ދަންނަވަމެވެ.

رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ. والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين.

29 ޝަޢުބާން 1433

19 ޖުލައި 2012