އެމްޕްލޮއިމެންޓް ޓްރައިބިއުނަލްއާއި ހިއުމަން ރައިޓްސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާކުރައްވާ ތައްޔާރުކުރައްވާފައިވާ ރިޕޯޓް މާލިއްޔަތު ކޮމިޓީން ބައްލަވައިފި

މިއަދު 14:05 އިން 15:25 އަށް ޞޭއްވެވި މާލިއްޔަތު ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގައި އެމްޕްލޮއިމެންޓް ޓްރައިބިއުނަލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާކުރައްވާ ސަބް-ކޮމިޓީން އެކުލަވާލައްވާފައިވާ ރިޕޯޓް މާލިއްޔަތު ކޮމިޓީން ބައްލަވާ، އެކަމާއި މެދު މަޝްވަރާ ކުރެއްވިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބައްލަވާ އެކުލަވާލެއްވި ރިޕޯޓްވެސް ބައްލަވާ، ނަމަވެސް ވަކި ގޮތެއް ނިންމެވުމުގެ ގޮތުން އެ ރިޕޯޓް އިތުރަށް ދިރާސާކުރެއްވުމަށް ވަގުތު ދެއްވާފައިވެއެވެ.

އެއަށްފަހު ކޮމިޓީންވަނީ، 2012 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓްގައި ކޮންޓިންޖެންސީ އަށް ކަނޑައަޅުއްވާފައިވާ 150 މިލިއަން ރުފިޔާ ޙަރަދު ކުރުމުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ކޮންޓިންޖެންސީ އާއި ސެލެރީ ކޮންޓިންޖެންސީ އަށް ހުރި ފައިސާގެ ތެރެއިން ޖެނެރަލް ކޮންޓިންޖެންސީ އަށް ފައިސާ ބަދަލު ކޮށްގެން ނޫނީ ޚަރަދު ކުރެވެން ނެތް ކަމަށް ވިދާޅުވެ، އެ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ޕީ.އެސް.އައި.ޕީ ކޮންޓިންޖެންސީ އާއި ސެލެރީ ކޮންޓިންޖެންސީއަށް ހުރި ފައިސާ ބަދަލު ކޮށްގެން ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވުމަށް އެދިވަޑައިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ފޮނުއްވާފައިވާ ސިޓީފުޅާއި މެދު މަޝްވަރާ ކުރައްވާފައެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުއެވެ. މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިނުވާ އިރު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހުންނެވީ ސަލާމުގައެވެ.