ރައްޔިތުންގެ މަޖިލީހުގައި ކުރަމުންގެންދާ މަސައްކަތްތަކުގައި ރަމަޟާން މަހުގެ ތެރޭގައި ކެތްތެރިކަން އިތުރުކޮށް، ޙުލްޤްހެޔޮކޮށް، އަޚުލާގު މަތިވެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢިއްޒަތްތެރި މެންބަރުންގެ އަރިހުން އެދިވަޑައިގެންނަވައިފި

މަޖިލީހުގެ މިދައުރުގެ 20 ވަނަ ޖަލްސާ ނިންމަވާލައްވަމުން، ޢިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަމިއްލަ ނަންފުޅުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނަށް ރަމަޟާންމަހުގެ ތަހުނިޔާ އަރިސްކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި ކުރަމުންގެންދަވާ މަސައްކަތްތަކުގައި ރަމަޟާން މަހުގެ ތެރޭގައި ކެތްތެރިކަން އިތުރުކޮށް، ޙުލްޤްހެޔޮކޮށް، އަޚުލާގު މަތިވެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢިއްޒަތްތެރި މެންބަރުންގެ އަރިހުން އެދިވަޑައިގެންނަވައިފިއެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެއްކަމާއި، ހެޔޮލަފާ ޞާލިޙް ޢަމަލުތައް ގިނަކުރުމުގެ މަސައްކަތް ކުރުމުގެ މައްސަރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މާތް ﷲ ގެ ރަޙްމަތާއި އެކަލާންގެ މަޣްފިރަތާއި އަދި އެ މަހުގައި ކުރާ އަޅުކަންތައްތަކުގެ ސަބަބުން ނަރަކައިން މުއްތި ކުރެއްވުން އެ މަހުގައި ލައްވާފައިވާ މައްސަރެއްކަމަށް ވިދާޅުވިއެވެ.

މާތް ﷲ އެ މަހުގެ ރަޙްމަތާއި ބަރަކާތާއި ޘަވާބުގައި، އެންމެން ޝާމިލްކޮށްދެއްވާ އެ މަހުގައި އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރުމުގެ ހެޔޮ ތައުފީޤް ދެއްވުން އެދި އެކަލާނގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ.