އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލު އިތުރަށް ދިރާސާކުރެއްވުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ، އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލު އިތުރަށް ދިރާސާކުރެއްވުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، ވަގުތީ ކޮމިޓީއަކަށް މިބިލު ފޮނުއްވުމަށް ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުއްﷲ ތާޢީދުކުރެއްވި ހުށަހެޅުމަށް ފެނިވަޑައިގަންނަވާކަމަށް 33 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ފެނިވަޑައިނުގަންނަވާ ކަމަށް 18 މެންބަރުން ވޯޓުދެއްވާފައިވެއެވެ. އަދި ވަކިފަރާތަކަށް ވޯޓުދޭން ބޭނުންނުވާ 3 މެންބަރުން ތިއްބެވިއެވެ.

މީގެއިތުރުން، މިބިލު ފޮނުވާނެ ކޮމިޓީގެ އަދަދަކީ 7 ކަމަށް ހުށަހެޅި ތާޢިދުލިބިފައިވުމުން، މިއަދަދު ފާސްކުރުމަށް ވޯޓަށް އެއްސެވުމުން ފެނިވަޑައިގަންނަވާ ކަމަށް 37 މެންބަރަކު ވޯޓުދެއްވާފައިވެއެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 12 މެންބަރުން ވޯޓުދެއްވާފައިވެއެވެ. ވަކިފަރާތަކަށް ވޯޓުދެއްވަން ބޭނުންފުޅުނުވާ 2 މެންބަރަކު އިންނެވިއެވެ.

މިގޮތަށް ފާސްވުމުން މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ނަންލިސްޓް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލެއްވުމުން ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް ހުށަހަޅުއްވައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ތާޢީދުކުރެއްވި ނަންލިސްޓުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ކިނބިދޫ ދާއިރާގެ މެންބަރ މޫސާ ޒަމީރު، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުއެވެ.