މެންބަރުން އެއްބަސްވެވަޑައިގެންނެވިގޮތަށް ކޮމިޓީތަކަށް މެންބަރުން ކަނޑައަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ ނިސްބަތަށް އައި ބަދަލާގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން މަޝްވަރާކުރައްވައި، ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން މަޝްވަރާކުރައްވައި، ހަމަޖެއްސެވިގޮތަށް ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުއްވުމަށް ފާސްވީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދު ނެގުނު ވޯޓާއި ގުޅިގެން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މެންބަރުން ހިމެނޭ ގޮތުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓްގައި މިހާރުވަނީ ޝާއިޢުކުރެވިފައެވެ.

27 ޝަޢުބާން 1433

17 ޖުލައި 2012