ޖަޕާނުގެ ސައުތު ވެސްޓް އޭޝިއާ ޑިވިޝަންގެ ޑިރެކްޓަރ، ރައްޔިތުން މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ސައުތު ވެސްޓް އޭޝިއާ ޑިވިޝަންގެ ޑިރެކްޓަރ ހިރޯޝީ ތަޖިމާ ރައްޔިތުން މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިބައްދަލުވުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މޯލްޑީވްސް – ޖަޕާން ޕާލިމަންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މަސައްކަތް ފާހަގަކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި ޖަޕާނާއި ރާއްޖެއާ އޮންނަ ޒަމާންވީ ރަޚުމަތްތެރި ގުޅުމުގެ މައްޗަށާއި، ރާއްޖެއަށް ޖަޕާނުން ވެދެއްވާ ދީލަތި އެހީފުޅުތަކަށް ޝުކުރުދެންނެވިއެވެ.

ހިރޯޝީ ތަޖިމާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި މަސައްކަތް ކުރައްވާ ޖަޕާނުގެ ދަރުމަވެރިންގެ ސަބަބުން ދެގައުމުގެ ދެމެދުގައި ގާތްގުޅުމެއް ދެމެހެއްޓުމަށް އެހީތެރިވާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި 2011 ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި ބިންހެލުމާއެކު އެރި ސުނާމީގައި، ދިވެހި ރާއްޖޭއިން ވެދެއްވި އެހީއަށާއި ދިވެހިންގެ ފަރާތުން ދެއްކި ހަމްދަރުދީއަށް ޝުކުރުއަދާކުރެއްވިއެވެ.