ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާ ޤާނޫނީ ޢަދަދު ފުރިހަމަ ނުވުމާއިގުޅިގެން، ކޯރަމް ރަނގަބީލު ޖެހުމަށްފަހު 5 މިނެޓްވީއިރުވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ހަމަނުވުމާއިގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ)ގެ ދަށުން ޖަލްސާ މިއަދު ނުބާއްވާގޮތަށް މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ.
ރިޔާސަތުން ވިދާޅުވީ ކޮމިޓީތައް އެކުލަވާލެއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މެދުގައި އަދިވެސް އަލިމަގެއް ފެނިފައިނުވާކަމަށާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ މެދުގައި އަދިވެސް މަޝްވަރާތައް ކުރިއަށް ގެންދަވަމުންދާކަމަށެވެ.
ޖަލްސާގެ ރިޔާސަތު މިއަދު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 ޖުލައި 2012 ވާ ހޯމަ ދުވަހު ހެނދުނު 9 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.
21 ޝަޢުބާން 1433
11 ޖުލައި 2012