ދެމެންބަރަކު ޕާޓީ ބަދަލުކުރެއްވިކަން މިއަދުގެ ޖަލްސާގައި ޢިއުލާނުކުރައްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާ ގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1 ގެ (ނ)ގެ ދަށުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ދިވެހި ރައްޔިތުންގެ ޕާޓީން ޖުމްހޫރީ ޕާޓީ އަށް ބަދަލުވާން ހުށަހަޅުއްވާފައިވާތީ އާއި މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ޖުމްހޫރީ ޕާޓީ އަށް ބަދަލުވާން ހުށަހަޅުއްވާފައިވާތީ އެކަން މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1 ގެ (ނ) ގައި ބަޔާންކުރަނީ މަޖިލީހުގައި ހިމެނޭ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވާން ބޭނުންވެއްޖެނަމަ، އެ މެންބަރަކު ހުރި ޕާޓީއިން ވަކިވިކަމުގެ ލިޔުމެއް އެ މެންބަރަކު މަޖިލީހުގެ ރައީސަށް ފޮނުވަން ވާނެއެވެ. އަދި އެ މެންބަރަކު ބަދަލުވި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އެ މެންބަރަކު އެ ޕާޓީއާ ގުޅިއްޖެކަން އަންގައި އެކަން ލިޔުމަކުން މަޖިލީހުގެ ރައީސަށް އަންގަންވާނެއެވެ. އަދި އެ މެންބަރަކު ހުރި ޕާޓީއިން ވަކިވެ އެހެން ޕާޓީއެއްގެ މެންބަރަކަށް ވީކަން ކަށަވަރު ކޮށްދޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުމެއް އެ މެންބަރަކު މަޖިލީހުގެ ރައީސަށް ހުށަހަޅަންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ 1 ގެ (ބ) ގައި ބަޔާންކުރަނީ މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތީން މެންބަރަކު ޕާޓީއަކުން ވަކިވާ ޙާލަތްތަކުގައާއި، ޕާޓީތަކުން ވަކިވެ އެހެން ޕާޓީއަކާއި ގުޅޭ ޙާލަތްތަކުގައި އެ މާއްދާތަކުގައި ބުނެފައިވާ ލިޔުންތައް މަޖިލީހުގެ ރައީސަށް ލިބުމުން އެ މެންބަރަކު ޕާޓީއަކުން ވަކިވެއްޖެކަން ނުވަތަ ޕާޓީއަކާ ގުޅިއްޖެކަން މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ޢިއުލާން ކުރަންވާނެއެވެ.

މިއަދު މެންދުރު ކުރީގެ ދަންފަޅީގައި ވަނީ ޖަލްސާގެ ނިޒާމް ގެއްލުމުގެ ސަބަބުން 09:16 ގައި މެދުކަނޑާލެވި، 11:00 އަށް ފަސްކުރެވިފައެވެ. 11:00 ގައި ޖަލްސާނުފެށި ވަނީ 01:00 އަށް ފަސްކުރެވިފައެވެ.

ޖަލްސާގެ މެންދުރު ކުރީގެ ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމް އެވެ.

19 ޝަޢުބާން 1433

9 ޖުލައި 2012