ސާކް ކޮންވެންޝަން އޮން ކޯޕަރޭޝަން އޮން އެންވަޔަރަންމަންޓްގައި ދިވެހިރާއްޖެއިން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމުގެ މައްސަލަ، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅުއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ސާކް ކޮންވެންޝަން އޮން ކޯޕަރޭޝަން އޮން އެންވަޔަރަންމަންޓްގައި ދިވެހިރާއްޖެއިން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމުގެ މައްސަލަ، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މިމައްސަލައަށް އެއްމެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެމަޖިލީހުން ނިންމާ ގޮތެއްގެ މަތިންކަމަށް ބަޔާންކޮށްފައިވާތީ، “ސާކް ކޮންވެންޝަން އޮން ކޯޕަރޭޝަން އޮން އެންވަޔަރަންމަންޓް” ގައި ދިވެހިރާއްޖެއިން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމުގެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް، 3 އޭޕްރީލް 2012 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާއިން ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވާފައިވެއެވެ.

“ސާކް ކޮންވެންޝަން އޮން ކޯޕަރޭޝަން އޮން އެންވަޔަރަންމަންޓް” އަކީ ސާރކްގެ މެންބަރު ޤައުމުތަކުގެ މެދުގައި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މުއާހަދާއެކެވެ.